ޝަހީބުގެ ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި
ޝަހީބުގެ ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޝަހީބު އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ކަންނެލި ދޯންޏެއްގައި މިދިޔަ މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިތުރު ބަޔަކާ އެކު ޝަހީބު ހައްޔަރުކޮށް، ބަންދުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައިފަ އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިދިޔަ މަހު އަމުރުކުރީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

އެ މައްސަލަ ޝަހީބުގެ ފަރާތުން އިސްތިއުނާފު ކުރުމުން އަންނަ އާދިއްތަ ދުވަހު އެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލް ކޮށްފައިވެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ޑިސެމްބަރު މަސް ފެށުމާ އެކު، ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓު މިހާރު އޮތީ ރިސެސްގަ އެވެ. ރިސެސް މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތައް ނުބޭއްވިޔަސް، ޖިނާއީ އިޖުރައާތުގެ ގާނޫނު އޮންނަ ގޮތުން ކޯޓު އަމުރުތަކުގެ މައްސަލަތައް އިސްތިއުނާފު ކުރާތާ ހަތް ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމަން ޖެހޭނެ އެވެ.