ބާންސާލީ އަކީ ވަރަށް ހަރުކަށި ޑައިރެކްޓަރެއް: ރަންބީރު
ބާންސާލީ އަކީ ވަރަށް ހަރުކަށި ޑައިރެކްޓަރެއް: ރަންބީރު

ރަންބީރު ކަޕޫރުގެ ފުރަތަމަ ފިލްމު "ސާވަރިޔާ"ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އަކީ ވަރަށް ހަރުކަށި މީހެއް ކަމަށާއި އޭނާއާއެކު މަސައްކަތްކުރުން ހުއްޓާލީ އެހެންވެ ކަމަށް ރަންބީރު ބުނެފި އެވެ.

ބާންސާލީ އަކީ ވަރަށް ހަރުކަށި ޑައިރެކްޓަރެއް: ރަންބީރު
ބާންސާލީ އަކީ ވަރަށް ހަރުކަށި ޑައިރެކްޓަރެއް: ރަންބީރު

ރޭޑިއޯ ޝޯއެއް ކަމަށްވާ "ނޯ ފިލްޓާ ނެހާ" ގައި ވާހަކަ ދައްކަމުން ރަންބީރު ބުނީ ބާންސާލީ "ބްލެކް"ގެ މަސައްކަތް ކުރަމުންދިޔައިރު އޭނާ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާ މަސައްކަތް ހުއްޓާލާފައި ބާންސާލީއާ ވަކިވީ އެވެ. އެދުވަސްވަރު ބާންސާލީ އުޅެނީ "މޮޔަވެގެން" ކަމަށާއި އޭނާގެ ހަރުކަށިކަމުން ކެތް ނުވީ ކަމަށް ރަންބީރު ބުންޏެވެ.

"އޭނާ އަކީ ކޮންމެ ކޮންމެ ގޮތަކަށް ކަންތައްކުރާ މީހެއް ނޫން. އޭނާ ބުނާ ގޮތަކަށް ބުނާކަމެއް ކުރަން ޖެހޭނީ. ބައެއް ފަހަރަށް ސެޓުގައި އަހަރެންނަށް ކުޑަކަކޫ ޖަހައިގެން ވެސް އިންނަން ޖެހޭ. އެހެންވެ އަނިޔާއަށް ކެތް ނުވެގެން އަހަރެން އެ ފިލްމުން ވަކިވާން ނިންމީ. އޭރު އަހަރެން އެ ވަޒީފާ އަދާކުރާތާ 10 ވަރަކަށް މަސް ވެއްޖެ،" ރަންބީރު ކިޔައިދީފައިވެ އެވެ.

ބާންސާލީއާ އެކު މަސައްކަތް ނުކުރެވުނަސް ސިނަމާއާ ބެހޭ ގޮތުން ދަސްވެފައިވާ ހުރިހާ އެއްޗެއް ދަސްވީ ބާންސާލީގެ ފަރާތުން ކަމަށް ރަންބީރު ގަބޫލުކުރެ އެވެ. އަދި އޭގެ ކްރެޑިޓް ވެސް އޭނާ ބާންސާލީ އަށް ދެ އެވެ.

"ފިލްމުތަކުގައި އަހަރެން ދައްކާ ޕާފޯމަންސަކީ ބާންސާލީއާ އެކު މަސައްކަތް ކޮށްގެން އަހަންނަށް ލިބުނު ތަޖުރިބާގެ އަލީގައި ކުރެވޭ ކަންތައްތައް. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންގެ ހަގީގީ ޓީޗަރަކީ ބާންސާލީ. އޭނާ އަހަންނަށް ފިލްމެއް ކުޅެން ބޭނުންވާނެ ހުރިހާ ހުނަރެއް ދަސްކޮށްދިން. އެއީ އެކްޓިން އާއި އެކި ކަހަލަ އަސަރުތައް ދައްކުވައިދިނުން ކަހަލަ ހުރިހާ ކަމެއް ވެސް،" ރަންބީރު ބުންޏެވެ.

ރަންބީރުގެ އެކްޓިންގެ މޮޅު ވާހަކަ އެންމެން ވެސް ދައްކަ އެވެ. ނަމަވެސް އޭނާ އެހާ މޮޅު މީހަކަށްވީ ކާކުގެ ސަބަބުން ކަން ގިނަ ބަޔަކަށް މިހާތަނަށް ވެސް އޮތީ ނޭނގި އެވެ. ބެލެވިފައި އޮތީ ރަންބީރަކީ އެކްޓިން އަށް މަޝްހޫރު ކަޕޫރު އާއިލާގެ މެމްބަރަކަށް ވާތީ އެކްޓްކުރުމުގެ ހުނަރު ވާރުތަވެފައި ވަނީ ކަމަށެވެ. ނަމަވެސް ހަގީގަތުގައި ރަންބީރު އެހާ ކުޅަދާނަ މީހަކަށްވީ ކުޅަދާނަ ޑައިރެކްޓަރަކު އޭނާ ރަނގަޅަށް ހާނުވާލާފައި ހުރުމުން ކަން ރަންބީރުގެ ވާހަކަތަކުން ހާމަވި އެވެ.

ފަހަކަށް އައިސް ރަންބީރު ކުޅުނު ގިނަ ފިލްމުތަކެއް ފްލޮޕް ވަމުން ދިޔަ ނަމަވެސް މިދިޔަ ހުކުރު ދުވަހު ރިލީޒްވި "އޭ ދިލް ހެ މުޝްކިލް" ބޮކްސް އޮފީހުގައި މިހާރު ބޮޑެތި ކާމިޔާބީތައް ދަނީ ހޯދަމުންނެވެ. އެ ފިލްމު ބެލި އެންމެން ވެސް ފިލްމުގެ މޮޅު ވާހަކައަށް ވުރެ ދައްކަނީ ރަންބީރުގެ މޮޅުކަމުގެ ވާހަކަ އެވެ.

ދެން އެންމެ އަވަހަށް ރިލީޒްކުރަން ހަމަޖެހިފައިވާ ރަންބީރުގެ ފިލްމަކީ "ޖައްގާ ޖާސޫސް" އެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާ ކެޓުރީނާ ކައިފާ އެކު ރަންބީރު ކުޅެފައިވާ މި ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.