ނުކުޅެދުންތެރިކަން ލޯތްބަށް ހުރަހަކަށް ނުވި
ނުކުޅެދުންތެރިކަން ލޯތްބަށް ހުރަހަކަށް ނުވި

އާރިފް އިބްރާހިމް ތަމްބޭގެ އިސްކޮޅުގައި ހުންނަނީ އެންމެ 106 ސެންޓިމީޓަރެވެ. އެއީ ގާތްގަނޑަކަށް 3.47 ފޫޓެވެ. އިންޑިއާގެ ހުޅަނގުގައި އޮންނަ ޕޫނާގައި ދިރިއުޅޭ އާރިފްގެ ނުކުޅެދުންތެރިކަމާއެކު ވެސް އޭނާއަށް މިހާރު ވަނީ އޭނާ ދެކެ ވަރަށް ލޯބީވާ އަންބަކު ލިބިފަ އެވެ. މި ދެމަފިރިންނަށް މިހާރު ދަރިއަކު ވެސް ލިބި އާއިލާ ފުރިހަމަވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ލޯތްބަށް ހުރަހަކަށް ނުވި
ނުކުޅެދުންތެރިކަން ލޯތްބަށް ހުރަހަކަށް ނުވި

އެކަނިވެރި ދިރިއުޅުމެއް އުޅެމުން އައި އާރިފް އަށް އެއްދުވަހު އަމީނާ އަހުމަދާ ފިހާރައެއްގެ ތެރެއިން ބައްދަލުވެ އޭނާ ދެކެ ލޯބި ވެވުނެވެ. އަމީނާ، 21، އާރިފް އަށް ވުރެ ދެ ފޫޓު ދިގެވެ. އާރިފްގެ ހާލަތު އެނގުމުން އަމީނާ ކައިވެންޏަށް އިންކާރުކުރާނެކަމަށް އާރިފް ހީކުރި އެވެ.

ނުކުޅެދުންތެރިކަން ލޯތްބަށް ހުރަހަކަށް ނުވި
ނުކުޅެދުންތެރިކަން ލޯތްބަށް ހުރަހަކަށް ނުވި

ހަގީގަތުގައި އަމީނާއަށް ވެސް އާރިފް ފެނުމުން އޭނާ ދެކެ ފުރަތަމަ ނަޒަރުން ވެސް ހުރީ ލޯބި ވެވިފަ އެވެ. އެހެންވެ އެންމެ ފުރަތަމަ ކައިވެނި ކުރާނަންތޯ އެހީ ވެސް އަމީނާ އެވެ.

އާރިފް ބުނި ގޮތުގައި އަމީނާ ކައިވެންޏަށް އެހުމުން އޭނާ ގާތު އިށީނދެލައިގެން އިނދެ ވަރަށް ސާފުކޮށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

"އަހަރެން ބުނިން އަހަންނާ ކައިވެނި ކޮށްފިއްޔާ އަހަރެންގެ ހުރިހާ ކަމެއް ކޮށްދޭން ޖެހޭނޭ. ފާޚާނާއަށް ގެންގޮސްދޭން ޖެހޭނޭ. ފެންވަރުވަން ޖެހޭނޭ. އެނޫން ވެސް އަހަރެންނަށް ކޮށްދޭން ޖެހޭނެ ކަންތައްތައް ކިޔައިދިނުމުން ވެސް އޭނާ ބުނި މައްސަލައެއް ނެތޭ. އެހެންވެ އޭނާއާ ކައިވެނިކުރަން ނިންމީ،" އާރިފް ކިޔައިދީފައިވެ އެވެ.

ނަމަވެސް އާރިފްގެ އިސްކޮޅު ފެނިފައި އޭނާ އާ އަމީނާ ކައިވެނި ކުރުވާކަށް އަމީނާގެ އާއިލާއިން ގަބޫލެއް ނުވި އެވެ. ނަމަވެސް ދެ އަހަރުވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ދެ މީހުން ކައިވެނި ކުރީ އެވެ. މި ކައިވެނީގެ ރަސްމިއްޔާތު އޮތީ މި ދެ މީހުންގެ ވެސް އުފަން ރަށް މުމްބައިގަ އެވެ. ނަމަވެސް އަމީނާގެ އާއިލާގެ އެއްވެސް މީހަކު މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިއެއް ނުވެ އެވެ. ނަމަވެސް މިހާރު އޭނާގެ އާއިލާގެ އެންމެ ގާތް މީހުން މި ކައިވެނި ގަބޫލުކޮށްފި އެވެ. ނަމަވެސް ތަންކޮޅެއް ދުރުމީހުން އަދިވެސް ކައިވެނި ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ.

މި ހުރިހާ ކަންތައްތަކާ އެކުވެސް މި ދެމަފިރިން އުޅެމުންދަނީ އުފާވެރި ދިރިއުޅުމެކެވެ. ޚާއްސަކޮށް ދަރިއަކު ލިބުމުން އެމީހުންގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފަ އެވެ.

އާރިފް ބުނި ގޮތުގައި ﷲ ގެ އިރާދަފުޅުން އޭނާއަކީ ނުކުޅެދުންތެރިކަން ހުރި މީހެއްގެ ގޮތުގައި ހައްދަވާފައި ވިޔަސް އޭގެ ބަދަލު އޭނާއަށް ވަނީ ދެއްވާފަ އެވެ. ލޯބިވާ އަންބަކާއި ލޯބިލޯބި ދަރިފުޅެއްގެ ނަސީބުންނެވެ. މިހާރު އޭނާއަށް ދިރިއުޅުމުގެ މަގްސަދެއް ވަނީ ލިބިފަ އެވެ. އޭނާ ބުނީ ދުއާ އިޖާބަކުރައްވައިފި ކަމަށެވެ.