ހޮން ކޮންގުގެ ޑިމޮކްރެސީ އެކްޓިވިސްޓުން ޖަލަށް
ހޮން ކޮންގުގެ ޑިމޮކްރެސީ އެކްޓިވިސްޓުން ޖަލަށް

ހޮން ކޮން (ޑިސެމްބަރު 3) - ހޮން ކޮންގުގެ ޑިމޮކްރެސީ އެކްޓިވިސްޓުން ކަމަށްވާ ޖޯޝުއާ ވޮންގް، އަގްނީސް ޗޯ އަދި އިވާން ލަމް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

އުމުރުން ވިހީގެ އަހަރުތަކުގެ ޒުވާން ތިން އެކްޓިވިސްޓުން ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރު ބޭއްވި އެއްވުންތަކާ ގުޅިގެންނެވެ. އެ މީހުންގެ މައްޗަށް ހުކުމްކޮށްފައި ވެސް ވަނީ ގާނޫނާ ޚިލާފު އެއްވުމުގައި ބައިވެރިވިކަމުގެ ކުށުގަ އެވެ.

ހޮންކޮންގުގައި ޑިމޮކްރެސީ އަށް ތާއީދުކުރާ ފަރާތްތަކުން މުޒާހަރާތައް ފަށާފައި ވަނީ ޗައިނާ އިން ތައާރަފްކުރި ސަލާމަތީ ގާނޫނާ ގުޅިގެންނެވެ. އެކަމަކު ތިން އެކްޓިވިސްޓުން އެއްވުންތަކުގައި ބައިވެރިވެފައި ވަނީ އެ ގާނޫނު ތަންފީޒް ކުރުމުގެ ކުރިންނެވެ. އެހެންވެ އެ މީހުން ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތްވެފަ އެވެ.

އުމުރުން 24 އަހަރުގެ އެކްޓިވިސްޓް ވޮންގަށް ހުކުމްކޮށްފައި ވަނީ 13 މަހާއި ބައިގެ މުއްދަތަށެވެ. ޗޯ، 23، އަށް 10 މަސް އަދި ލަމް، 26، އަށް ވަނީ ހަތް މަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ތިން އެކްޓިވިސްޓުން ވެސް މަޝްހޫރުކަން ހޯދާފައި ވަނީ ހޮން ކޮންގުގައި 2014 ވަނަ އަހަރު ފެށި "އަމްބްރެއްލާ މޫވްމަންޓް" އިންނެވެ. އޭރު އެ މީހުންނަކީ ކިޔަވާ ކުދިންގެ ލީޑަރުންނެވެ. ވޮންގް މީގެ ކުރިން ވެސް ވަނީ ކުރު މުއްދަތުގެ ޖަލު ހުކުމްތައް ތަންފީޒްކޮށްފަ އެވެ.