ސަސްގެ މެއިން ސްޕޮންސަރަކަށް ފަތަހަ ހަމަޖައްސައިފި
ސަސްގެ މެއިން ސްޕޮންސަރަކަށް ފަތަހަ ހަމަޖައްސައިފި

ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މެއިން ސްޕޮންސަރަކަށް "ފަތަހަ" ހަމަޖައްސައިފި އެވެ.

ފަހަތަ މޯލް އާއި ފަތަހަ ސުންބުލި އަދި ފަތަހަ ސްޓާގެ ފިހާރަތައް ހިންގާ ރީޓެއިލް ވިޔަފާރި ކުންފުންޏާ އެކު ސަސް އިން ހަދާފައިވަނީ އެއް އަހަރުގެ އެއްބަސްވުމެކެވެ.

ސަސް އިން ކޯ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ރާއްޖޭގެ އަމިއްލަ ގަޑި ބްރޭންޑެއް ކަމަށްވާ "މޯލްޑިވްސް ވޭވްސް" އާއި ހީނާ މޯބައިލްސް އެވެ. އެ ކްލަބުން ބުނީ ކޯ ސްޕޮންސަރުންގެ ގޮތުގައި އިތުރު ވިޔަފާރިތަކެއް ބައިވެރިވާނެ ކަމަށެވެ.

ސަސް އަކީ ވިޔަފާރި މޮޑެލަށް ހިންގަން މަސައްކަތްކުރާ ކްލަބެކެވެ. އެގޮތުން ކްލަބަށް އާމްދަނީ ވަންނަ ގޮތަށް ވަނީ މާލޭގައި ކޮފީ ޝޮޕެއް ހުޅުވައިފަ އެވެ. ކާމިނީ މަގުގައި، ސްޕޯޓްސް ލައުންޖް ކޮންސެޕްޓަށް ހުޅުވި މި ކެފޭގައި އޮންނަނީ ކްލަބުގެ މެމްބަރުންގެ ހިއްސާ އެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގެ ބައިވެރިވުން ވެސް އޮންނާނެ އެވެ.

އެކުވެރިންތަކެއްގެ މެދުގައި މަޖަލަށް ބޯޅަ ކުޅެން ދިއުމަށް އުފެދުނު މި ގްރޫޕް، ކްލަބަކަށް ބަދަލުވެ ކުޑަ ދުވަސްކޮޅެއް ތެރޭ ދެ ޑިވިޝަނެއް ގިރާކޮށް މި ވަނީ ފުރަތަމަ ޑިވިޝަނަށް އައިސްފަ އެވެ. އެ ފުރުސަތު ހޯދީ މި އަހަރުގެ ފެބްރުއަރީ މަހު ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ފުރުސަތު ހޯދައިގެންނެވެ. ފައިނަލުން އެ ޓީމު ވެލެންސިއާ އަތުން 3-1 އިން ބަލިވީ އެވެެ\

ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމަށްޓަކައި އެ ޓީމުން ވަނީ ތަޖުރިބާކާރު ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. އެއީ އަހުމަދު ޝާފިއު (ޝާފީ) އާއި އަބްދުﷲ ހަނީފް (ބެންޖޯ) އާއި އަހުމަދު ފައްރާހު އަދި މުހައްމަދު ރަޝީދު (ހޮކޭ) އެވެ. އެ ޓީމުން ވަނީ އުޒްބެކިސްތާން ގޯލްކީޕަރަކާއި ޖަޕާނުގެ ދެ މިޑްފީލްޑަރުންގެ އިތުރުން ސްޕެއިނުގެ ފޯވާޑެއް ވެސް ގެނެސްފަ އެވެ. ކޯޗަކީ އަހުމަދު ނާޝިދު (ނާދު) އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ސަސް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ރަނަރަޕް ކަމަށްވާ ކްލަބް އީގަލްސްއާ އެވެ.