03 ޑިސެމްބަރ 2020 - 14:38

ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ މެޗުތަކުގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ހެދުމަށް ކްލަބްތަކުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި އެގޮތަށް އެކަން ކުރުމަށް ތާއީދެއް ނުލިބުނު ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
ގާތްގަނޑަކަށް އަށް މަސް ދުވަސް ފަހުން ފުޓްބޯޅަ މެޗުތައް އަލުން ފަށާއިރު ކުޅުންތެރިންގެ ފިޓްނަސް މައްސަލަތަކަށާއި އަނިޔާގެ ކަންތައްތަކުން ސަލާމަތްވެ ތިބުމަށް ފަސޭހަގޮތްތަކެއް ބޭއްވުމުގެ ގޮތުން ފަސް ބަދަލު ކުރެވޭ ގޮތަށް ހަދަން ކްލަބްތަކުގެ ހިޔާލަށް ހުޅުވާލީ އެފްއޭއެމުންނެވެ.
އެފްއޭއެމުން ވަނީ މިކަމާ ބެހޭ ގޮތުން ވަކިވަކިން ވެސް ކްލަބްތަކުގެ ވިސްނުން ހޯދައިފަ އެވެ. މި ހަފްތާގައި ބޭއްވި ބައްދަލުވުމުގައި ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން ފަސް ބަދަލު އޮންނަ ގޮތަށް ހަދަން ތާއީދުކުރީ ތިން ކްލަބަކުންނެވެ. އަނެއް ފަސް ޓީމުން ބޭނުންވީ ކުރިން ވެސް އޮންނަ ގޮތަށް ތިން ބަދަލުކުރެވޭ ގޮތަށް ކުރިއަށް ގެންދިއުމަށެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ އެ ފުރުސަތު ކްލަބްތަކުގެ އަތްމައްޗަށް ދޫކޮށްލީ ފުޓްބޯޅައިގައި އެހެން ގައުމުތަކުގައި ވެސް މި ނިންމުން ނިންމަނީ މެޖޯރިޓީ ކްލަބްތަކުގެ ތާއީދު އޮތް ގޮތަށް ކަމަށްވާތީ ކަމަށެވެ.
"މިއީ ކްލަބްތަކުގެ ނިންމުމެއް. ކްލަބްތަކުގެ މެޖޯރިޓީ ބޭނުންވީ ކުރިން އޮންނަ ގޮތަށް ތިން ބަދަލާ އެކީ ކުރިއަށްދާން. އެއީ ކްލަބްތަކުގެ މެނޭޖްމަންޓާއި ކޯޗިން ޓީމުތަކުގެ ވެސް ވިސްނުމަށް ބަލާފައި ކްލަބްތަކުން ނިންމި ގޮތް ކަމަށް ފެންނަނީ،" ޖަވާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ މި އަހަރުގެ ކުރީކޮޅުގައި މުޅި ދުނިޔޭގެ ފުޓްބޯޅަ ހުއްޓާލަން ޖެހުނެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ވެސް މާޗް މަހު އަވަހަށް ނިންމާލީ ސީޒަންގެ ފަހު ދެ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބާއްވަން ނިންމުމަށް ފަހު އެވެ. އެކި ލެވަލްގައި ގިނަ މަޝްވަރާތައް ސިއްހީ ކަމާބެހޭ ފަރާތްތަކާ އެކީ ކުރުމަށް ފަހު ފުޓްބޯޅަ ކްލަބްތަކުގެ ޕްރެކްޓިސްތައް ފެށުނީ ނިއު ނޯމަލް ގައިޑްލައިންތަކެއްގެ ތެރެއިން މިދިޔަ އޮކްޓޫބަރު މަހުގަ އެވެ. ކޮންމެ ޓީމެއްގެ ކޯޗަކު ވެސް ޕްރެކްޓިސް ފެށުމަށް ފަހު އެންމެ ބޮޑު އެއް ޗެލެންޖެއްގެ ގޮތުގައި ފާހަގަކުރީ ފިޓްނަސް ކަންތައްތަކަށް ހައްލެއް ހޯދަން ދިމާވާނެ ދަތިތަކެވެ.
މިދިޔަ ސީޒަނުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރިއިރު، އެ މުބާރާތް މެދުކަނޑާލީ ކޮންމެ ޓީމެއް މެޗެއް ކުޅުނު ފަހުންނެވެ. ކޮވިޑް-19 އާ ހެދި ސެންޓަރަލައިޒްކޮށް މުބާރާތުގެ ކޮންމެ ގްރޫޕެއްގެ މެޗުތައް ބާއްވަން ވިސްނައި ގްރޫޕް މެޗުތައް ހޯސްޓްކުރަން ހުޅުވާލި ފުރުސަތުގައި ރާއްޖޭން ވަނީ ދެކުނު އޭޝިއާގެ ގްރޫޕްތަކުގެ މެޗުތައް މާލޭގައި ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކޮށްފަ އެވެ. މާލޭގައި ކުޅޭ ގްރޫޕްގެ މެޗުތަކުގެ ޝެޑިއުލް ވެސް ނެރެފައިވަނިކޮށް ފަހުން މުބާރާތް އެއްކޮށް ކެންސަލްކުރީ ހުރިހާ ގްރޫޕްތަކެއްގެ މެޗުތައް ބޭއްވޭނެ ގޮތެއް ނުފެނުމުންނެެވެ. އޭރު ވާހަކަ ދެކެވިފައި އޮތީ ސެންޓްރަލައިޒްކޮށް މެޗުތައް ފަށާއިރު ފަސް ބަދަލު ކުރެވޭ ގޮތަށް ހެދުމަށެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ އަންގާރަ ދުވަހު މާޒިޔާ އާއި އީގަލްސް ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. ލީގު ފަށާނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.