އަރަބި ދުނިޔޭގައި މަގްބޫލް ކެންޑިޑޭޓެއް ނެތް
އަރަބި ދުނިޔޭގައި މަގްބޫލް ކެންޑިޑޭޓެއް ނެތް

ރިޔާޒް (ނޮވެމްބަރު 3) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މި އަހަރު ވާދަކުރައްވާ ހިލަރީ ކްލިންޓަނާއި ޑޮނަލްޑް ޓްރަމްޕުގެ ތެރޭން ކެންޑިޑޭޓަކަށް ވޯޓުލާން ލިބިއްޖެ ނަމަ އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދޭނެ ކަމަށް މެދުއިރުމައްޗާއި ނޯތު އެފްރިކާގައި ސާވޭ ކުރި ދެބައިކުޅަ އެއްބައި މީހުން ބުނެފި އެވެ.

ސާވޭގައި ބައިވެރިވި މީހުންގެ ތެރޭން ކުޑަ ތަންކޮޅެއް ތާއީދު ބޮޑީ ހިލަރީ އަށެވެ. އެމެރިކާގެ ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކު އަރަބި ދުނިޔޭގައި މުހިންމު ރޯލެއް އަދާކުރައްވާނެ އެވެ.

މެދުއިރުމައްޗާއި ނޯތު އެފްރިކާގެ 18 ގައުމެއްގެ ތެރޭން ސުވާލުކުރި 3،017 މީހުންގެ ތެރޭން 47 ޕަސެންޓް މީހުން ބުނެފައި ވަނީ އެ މީހުންނަށް ވޯޓުލާނެ ފުރުސަތެއް ލިބިއްޖެ ނަމަ ހިލަރީ އަށް އަދި ޓްރަމްޕަށް ވެސް ވޯޓު ނުދޭނެ ކަމަށެވެ. މި ސާވޭކޮށްފައި ވަނީ ސައުދީ އަރަބިއާގެ ނޫހެއް ކަމަށްވާ އަރަބި ނިއުސް އާއި އިނގިރޭސި ވިލާތުގެ ޔޫގޯވް ގުޅިގެންނެވެ. އޮންލައިންކޮށް މި ސާވޭކޮށްފައި ވަނީ މިދިޔަ މަހު 14-21 އަށެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތައް ނަގާ ޔޫގޯވްގެ ސްޓެފަން ޝޭކްސްޕެއާ ބުނީ ސުވާލު ކުރި މީހުންގެ ތެރޭން 78 ޕަސެންޓް މީހުން ބުނެފައި ވަނީ އަރަބި ދުނިޔެ އަށް ރަނގަޅުވާނީ އެމެރިކާގެ ވެރިކަމަށް ހިލަރީ ވަޑައިގެންފި ނަމަ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުން އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.