03 ޑިސެމްބަރ 2020 - 13:04

އިންޑިއާގެ ޓީވީ ޗެނަލްތަކުން ވަރަށް ގިނައިން އިޝްތިހާރުކުރާ "އެމްޑީއެޗް" ހަވާދުގެ ބާނީ މަހާޝޭ ދަރަމްޕާލް ގުލާޓީ (އެމްޑީއެޗް) މަރުވެއްޖެ އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެ ގައުމުގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދި ގުލާޓީ އުމުރުން 98 އަހަރުގައި ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި މަރުވީ ހިތް ހުއްޓިގެންނެވެ. އޭނާގެ މަރުގެ ޚަބަރާ އެކު އިންޑިއާގެ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސިޔާސީ މީހުންނާއި ފިލްމީ ތަރިންނާއި ވިޔަފާވެރިން ވެސް ހިމެނެ އެވެ.
ގުލާޓީ އަކީ އިންޑިއާގެ ސަރުކާރުން ތިން ވަނަ އަށް ދޭ އެންމެ މަތީ ޝަރަފު ޕަދުމާ ބުޝަން ވެސް މިދިޔަ އަހަރު ލިބިފައިވާ މީހެކެވެ.
އޭނާ އިންޑިއާގެ ނުފޫޒު ގަދަ ވިޔަފާވެރިއަކަށް ބަދަލުވެގެން ދިޔައީ ގްރޭޑް 5 އާ ހިސާބުން ކިޔެވުން ހުއްޓާލައި މަސައްކަތުގެ މައިދާނަށް ނުކުމެ ދައްކަމުން ދިޔަ ހިތްވަރުންނެވެ.
ގުލާޓީ އުފަންވީ ޕާކިސްތާނުގެ ސިއަލްކޯޓަށެވެ. ހަވާދުގެ ވިޔަފާރިއަކީ ގުލާޓީގެ ބައްޕަ ޗުނީ ލާލް 1919 ގައި ފެށި ވިޔަފާރިއެކެވެ. އެއީ ހަމަ އާދައިގެ ކުޑަކުޑަ ފިހާރައެއް ގޮތަށެވެ. ނަމަވެސް ފަހުން ގުލާޓީގެ ނަމުން ނަން ދިން އެމްޑީއެޗަކީ މުޅި އިންޑިއާގެ އިތުރުން މުޅި ދުނިޔޭގައި ވެސް މަޝްހޫރު ބްރޭންޑެކެވެ. އެމްޑީއެޗްގެ ނަމުގައި ގުލާޓީގެ ވިޔަފާރި ފެށީ 1937 ގަ އެވެ.
އެމްޑީއެޗްގެ 62 އުފެއްދުމެއް މިހާރު 150 އަށް ވުރެ ގިނަ ޕެކެޖިންގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ވިއްކަ އެވެ.