ހުޅުމާލޭގައި އަޅާ ބެޑްމިންޓަން ފެސިލިޓީ: ބަދަލެއްގެ ފެށުން
ހުޅުމާލޭގައި އަޅާ ބެޑްމިންޓަން ފެސިލިޓީ: ބަދަލެއްގެ ފެށުން

ހުޅުމާލޭގައި އަޅާ 10 ކޯޓުގެ ބެޑްމިންޓަން ފެސިލިޓީއާ އެކު، ރާއްޖޭގެ ބެޑްމިންޓަން ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތްތަކުގައި ބޮޑު ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ފެންވަރު ރަނގަޅު ބެޑްމިންޓަން ޓްރެއިނިން އަދި މުބާރާތްތައް ބޭއްވޭނެ ފެސިލިޓީއެއް އެޅުމުގެ ވާހަކަތަކެއް މިދިޔަ ސަރުކާރުގައި ވެސް ދެކެވުނެވެ. އެކަމަކު މާ ބޮޑު ކުރިއެރުންތަކެއް ނުލިބެ އެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ ޕްލޭނުގެ ތެރެއިން ހުޅުމާލޭގައި ފެންވަރު ރަނގަޅު އިންޓަނޭޝަނަލް ބެޑްމިންޓަން ފެސިލިޓީއެއްގެ މަސައްކަތްކުރުމުގެ މަޝްވަރާތައް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އާއި ސްޕޯޓްސް މިނިސްޓްރީއާ ދެމެދު ވަނީ ކުރިއަށް ގޮސްފަ އެވެ.

ޕީއެސްއެމް "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެ ޓްރެއިނިން ފެސިލިޓީ ވެގެންދާނީ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭނެ ފެންވަރުގެ ވަސީލަތެއްގެ އިތުރުން ބެޑްމިންޓަންގެ ޑިވެލޮޕްމަންޓްގެ ގިނަ މަސައްކަތްތަކެއް ރޭވިގެންދާނެ ތަނަކަށް ކަމަށެވެ.

"ބޭރު ބައެއްގެ އެހީތެރިކަމާ އެކު ޑިޒައިން އާއި އެތެރޭގެ ސްޓްރަކްޗަރަލް ކަންކަމާ ކުރެހުމުގެ މަސައްކަތް މި ފެށީ. އަތޮޅު ތެރޭގައި ވެސް ދެ ކޯޓު ނޫނީ ތިން ކޯޓުގެ ފެސިލިޓީތަކެއް އެޅުމުގެ މަޝްވަރާތަކެއް ސަރުކާރާ އެކު ކުރިއަށް އެބަދޭ،" މޫސަ ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅިވަރުތައް ބިޒްނަސް ވިސްނުމަކުން ކުރިއަރުވަން ޖެެހޭކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ އާ ޓްރެއިނިން ފެސިލިޓީއާ އެކު ބެޑްމިންޓަނުން ވެސް އެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހަމައެކަނި ސަރުކާރުން ދޭ ފައިސާއިން ކުޅިވަރު އެސޯސިއޭޝަންތައް ހިންގަން ވިސްނައިގެން އަބަދު އެ ވިސްނުމުގައި ތިބެފިނަމަ ކުޅިވަރު ބޭނުންވާ މިންވަރަށް ކުރިނާރާނެ ކަމަށް މޫސާ ވިދާޅުވި އެވެ.

"ކުޅިވަރަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ ވިޔަފާރިއެއް. އެހެންވީމަ ރާއްޖޭގައި ވެސް ކުޅިވަރު ސެކްޓާ އެބަޖެހޭ އިންޑިޕެންޑެންޓްވާން. ކުޅިވަރުގައި ސަރުކާރުން އެދޭ އެހީތަކާ އެކީގައި އަމިއްލަ އަށް ކުޅިވަރުތަކުން ވެސް އެބަޖެހޭ ހިޔާލުތަކެއް ގެންގުޅެން. އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ވިސްނުމަކީ ވެސް އާމްދަނީ އެއް ލިބޭ ގޮތަށް އެތަން ބައްޓަން ކުރުން،" ބައިނަލްއަގުވާމީ އެކި ފެޑެރޭޝަންތަކުގެ އިސް މަގާމުތައް ފުރުއްވަމުން އަންނަ މޫސަ ވިދާޅުވި އެވެ.

މި ސަރުކާރުގެ އެހީގައި ބެޑްމިންޓަންގެ އެކި ވަސީލަތްތަކެއް މިހާތަނަށް ވެސް ވަނީ ތަރައްގީ ކުރެވިފަ އެވެ. އެ ގޮތުން ކުޅިވަރު އެކުވެނީ އިންޑޯ ބެޑްމިންޓަން ކޯޓުގެ ކުޅެވޭ ޖާގައިގެ އަދަދު އިތުރުކޮށްދިނުމުގެ އިތުރުން އައްޑޫގައި ވެސް ފެންވަރު ރަނގަޅު ޓްރެއިނިން ފެސިލިޓީއެއް އެޅި އެވެ. މި ދެ ފެސިލިޓީގައި ޖުމްލަ ތިން ބައިނަލްއަގުވާމީ މުބާރާތައް މިދިޔަ އަހަރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މާލޭގައި ކުރިއަށް ދިޔައީ ބެޑްމިންޓަނުން އަލަށް ފެށި ފިއުޗާ ސީރީސް އާއި މެދުކެނޑުމަކަށް ފަހު އަލުން ފެށި އިންޓަނޭޝަނަލް ޗެލެންޖް އެވެ. އަދި އައްޑޫގައި ކުރިއަށްދިޔައީ ސާކްގެ 21 އަހަރުން ދަށުގެ މުބާރާތެވެ.