04 ނޮވެމްބަރ 2016 - 06:21

އިންޑިއާގެ ދަ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއައިއާރް) އިން މިހާތަނަށް ފަޅާއަރުވާލި މަސްތުވާތަކެތީގެ ވިޔަފާރީގެ އެންމެ ބޮޑު މައްސަލައިގައި ބޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރަކު ހައްޔަރުކޮށްފި އެވެ.
ޑީއައިއާރުން މިފަހަރު ހޯދާފައި ވަނީ 23،500 ކިލޯގްރާމްގެ މެންޑްރެކްސް ޓެބްލެޓް (މެތަކުލޯން) އެވެ. މީގެ އަގު ބައިނަލްއަގުވާމީ ބާޒާރުގައި މިހާރު ހުރީ 4،700 ކްރޯޑު (44،700 މިލިއަން ރުޕީސް) ގަ އެވެ.
ބޮލީވުޑް ފިލްމުތައް އުފެއްދުމަށް ފައިސާ ޚަރަދުކުރާ ޕްރޮޑިއުސަރަކު މި މައްސަލައިގައި ހައްޔަރުކޮށްފައިވާކަން އޮފިޝަލުން ވަނީ ޔަގީންކޮށްދީފަ އެވެ.
"އިންޑިއާ އިން މިހާތަނަށް ހޯދި މަސްތުވާތަކެތީގެ އެންމެ ބޮޑު ވިޔަފާރި ރެކެޓް މިފަހަރު ޑީއައިއާރުން މިވަނީ ފަޅާ އަރުވާލާފައި. ހީވާގޮތުން މިއީ ދުނިޔޭގައި ވެސް މިހާތަނަށް ފަޅާއަރާފައިވާ އެންމެ ބޮޑު ވިޔަފާރި. މިފަހަރު 23،500 ކިލޯގްރާމްގެ މަސްތުވާ އެއްޗެހި އަތުލައިގެންފައިވޭ،" ޑީއައިއާރްގެ ޑައިރެކްޓަރު ޖެނެރަލް ޖަޔަންތު މިޝްރާ ޓައިމްސް އޮފް އިންޑިއާ އަށް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިކަމާ ގުޅުންހުރި ބޮލީވުޑް ޕްރޮޑިއުސަރެއް ކަމަށްވާ ސުބާޝް ޑުޑާނީ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 29 ވަނަ ދުވަހު މުމްބައިން ކަމަށް ވެސް މިޝްރާ ވިދާޅުވި އެވެ.