ނުކުޅެދޭ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރަން އެޗްއާރްސީއެމުން ގޮވާލައިފި
ނުކުޅެދޭ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރަން އެޗްއާރްސީއެމުން ގޮވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީގެ ގޮތުގައި ދޭ އިނާޔަތަކީ އެ މީހުންގެ އަސާސީ ބޭނުންތައް ފުއްދުމަށް އެކަށީގެންވާވަރުގެ އިނާޔަތެއް ނޫން ކަމަށް ބުނެ އެ އަދަދު އިތުރުކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ ގާނޫނުގައިވާ ގޮތަށް ނުކުޅެދޭ މީހުންގެ ދަފްތަރު އެކުލަވާލާފައި ނުވާކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ ވީ އެންމެ އަވަހަކަށް އެކަންކުރުމަށް ވެސް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައި ވެއެވެ.

އެޗްއާރްސީއެމުން ބުނީ ހައްގުތައް ގެއްލިގެން، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 72 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ. ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އާއިލާގެ ފަރާތުން ލިބެންޖެހޭ އަޅާލުން ނުދިނުމާއި، އިހުމާލުގެ މައްސަލަތަކާއި، އެފަދަ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކުރަން އާއިލާއިން އެދިފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ. އަދި ދައުލަތުން އިހުމާލުވުމާއި ދޭން ޖެހޭ މާލީ އެހީތެރިކަން ނުދިނުމާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން މަރުވުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.

އެޗްއާރްސީއެމުން ބުނިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮވިޑް-19 ގައި ހައި ރިސްކު މީހުންނެވެ. އަދި އެފަދަ މީހުންނަށް އެކަމާ ގުޅިގެން ދޭ މައުލޫމާތުތައް ރަނގަޅަށް ނުދެވުމުގެ ފުރުސަތު ވެސް އޮންނާތީ އެ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ވެސް ބުންޏެވެ. އެހެންވެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތްތަކަށް ވާސިލްވެވޭނެ ފަސޭހަ މަގެއް ހޯދައިދިނުން މުހިންމު ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެގޮތުން ދަތުރުފަތުރުކުރުމާއި، ތަންތަނަށް ވަދެ ނިކުމެ އުޅުމާއި ހިނގާބިނގާވެ އުޅުމުގައި ފަސޭހަ ގޮތްތަކެއް އިންތިޒާމުކޮށްދިނުމަށް އެޗްއާރްސީއެމުން ދައުލަތަށް ގޮވާލާފައި ވެއެވެ. މީގެ އިތުރަށް ދައުލަތުުގެ ބެލުމުގެ ދަށުގައި ތިބި ނުކުޅެދޭ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެ ކޮމިޝަނުން ހުށަހެޅި ކަންކަން ތަންފީޒުކުރުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.

ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ކުރިއަށް ވުރެ ފުރިހަމައަށް ބިނާކުރުން: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ ހިދުމަތްތަކަށް ފަސޭހައިން ވާސިލްވެވޭ، ދެމެހެއްތެނިވި މުޖުތަމައުއެއް ކޮވިޑް-19 އަށް ފަހު ބިނާކުރުން" އެވެ.

އެ ޝިއާރުގެ މަގްސަދަކީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ އާންމު ހާލަތަކަށް ރުޖޫއަވުމަށް ކުރަމުން އަންނަ މަސައްކަތުގައި ނުކުޅެދޭ މީހުން ބައިވެރިކޮށް ހިދުމަތްތައް ފަސޭހައިން ލިބޭނެ ދެމެހެއްޓެނިވި ގޮތަކަށް ގައުމު ބިނާކުރުމެވެ.