03 ޑިސެމްބަރ 2020 - 11:23

ލަންކާ ސަރަހައްދުގައި އުފެދުނު "ތޫފާން ބުރެވި" މިހާރު ހުރީ ރާއްޖެއާ 770 ކިލޯމީޓަރު ދުރުގައި ކަމަށާއި ތޫފާނު ދަތުރުކުރަނީ ރާއްޖެއާ ދުރަށް ނަމަވެސް ވައި ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެެފި އެވެ.
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު "މިހާރު" އަށް ވިދާޅުވީ ރޭގެ ވަގުތެއްގައި ލަންކާ އަށް ތޫފާނު އަރައި މިރޭގެ ވަގުތެއްގައި އިންޑިއާ އަށް އަރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު ވެސް ދަނީ ރާއްޖެއާ ދުރަށް ކަމަށެވެ. އެކަމަކު ތޫފާނާއި ކޮޅިގަނޑުގެ ސަބަބުން ރާއްޖެ ސަރަހައްދަށް ވައި ގަދަ ވާނެ ކަމަށް ވިދާޅުވި އެވެ.
މިއަދު އާންމުކޮށް ވައި ޖެހޭނީ 13-23 މޭލުގެ ބާރު މިނުގައި ކަމަށައި ވިލާގަނޑުގައި 45 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ.
"އެހެންވެ ކަނޑުދަތުރުކުރު ކުރުމުގައި ހާއްސަ ސަމާލުކަމެއްދޭން އަޅުގަނޑުމެން އެދެން،" އޭނާ ވިދާޅުވި އެވެ.
ވައި ގަދަވުމުގެ އިތުރުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށާއި ދެކުނުުގެ ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އެތަނުން ބުނީ މި ދުވަސްވަރު ރާޅުގެ އުސްމިނުގައި 5-7 ފޫޓު ހުރުން އެކަށީގެންވާ ކަމަށެވެ.