ޑޯޓްމަންޑް ދެ ވަނަ ބުރަށް ދަތުރުކޮށްފި
ޑޯޓްމަންޑް ދެ ވަނަ ބުރަށް ދަތުރުކޮށްފި

ޑޯޓްމަންޑް (ޑިސެމްބަރު 3) – އިޓަލީގެ ލާޒިއޯއާ 1-1 އިން އެއްވަރުވީ ނަމަވެސް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ރޭ ޖާގަ ހޯދައިފި އެވެ.

އެ ޓީމު އޮތީ 10 ޕޮއިންޓާ އެކު ގްރޫޕް އެފް ގެ އެއް ވަނައިގަ އެވެ. މި ގްރޫޕުން ދެ ވަނަ ބުރުގެ ފުރުސަތު ދެން އޮތީ ނުވަ ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ލާޒިއޯ އާއި ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ބެލްޖިއަމްގެ ކްލަބް ބްރޫޖް އަށެވެ. މި ދެ ޓީމު ވާދަކުރާ ފަހު މެޗު އެއްވަރުކޮށްލައިގެން ވެސް ލާޒިއޯ އަށް ފުރުސަތު އޮންނާނެ އެވެ. ބްރުޖަށް ޖާގަ ލިބޭނީ މޮޅުވެގެންނެވެ. ފުލުގައި އެއް ޕޮއިންޓާ އެކު އޮތް ރަޝިއާގެ ޒެނިތު ވަނީ ކަޓައިފަ އެވެ.

އަނިޔާގައި ހުރި އިތުބާރު ފޯވާޑް އާލިން ހާލަންޑް ނެތި ޑޯޓްމަންޑުން ރޭ ކުޅުނު މެޗުގައި ގޯލް ޖަހައިދިނީ 44 ވަނަ މިނެޓުގައި ރަފައެލް ގުއެރޭރޯ އެވެ. ލާޒިއޯ އަށް އެއްވަރުކޮށްދިނީ 67 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޗީރޯ އިމޮބިލޭ އެވެ.

މުބާރާތުގެ ގްރޫޕް ޖީ ގައި، ދެ ވަނަ ބުރު ކަށަވަރުކޮށްފައިވާ ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސް ވަނީ ކުޅުނު މެޗުތަކުން މޮޅުވެފަ އެވެ. ޔުވެންޓަސް މޮޅުވީ ޔޫކްރޭނުގެ ޑައިނަމޯ ކިއޭވް އަތުން 3-0 އިންނެވެ. ބާސެލޯނާގެ މޮޅުވީ ހަންގޭރީގެ ފެރެންސްވަރޯސް އަތުން ހަމަ އެ ނަތީޖާ އިންނެވެ.

ބާސެލޯނާ 15 ޕޮއިންޓާ އެއް ވަނައިގައި އޮތްއިރު ޔުވެންޓަސް ދެ ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ކިއޭވް އާއި ފެރެންސްވަރޯސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗުގައި ގޯލްތައް ޖަހައިދިނީ އެންޓޮއިން ގްރިޒްމަން އާއި މެތިއު ބްރެއިތުވެއިޓް އަދި އޮސްމާނޭ ޑެމްބެލޭ އެވެ. ޔުވެންޓަސް މޮޅުވި މެޗުގައި ގޯލްތައް ޖަހައިދިނީ ފެޑެރިކޯ ޗިއެސާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި އަލްވާރޯ މޮރާޓާ އެވެ. މި މެޗުގައި ވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީއަކު އިންސާފުކޮށްފަ އެވެ.