03 ޑިސެމްބަރ 2020 - 08:55

ހުރިހާ ދިވެހިންނަށް ވާ ވަރަށް ސަރުކާރުން ކޮވިޑް-19ގެ ވެކްސިން ހޯދާނެ ކަމަށާއި ބޭރުގެ އެހީގައި އާބާދީގެ 20 ޕަސެންޓަށް ލިބޭ ވެކްސިން ހޯދުމުގެ މަސައްކަތާ އެކުއެކީގައި، ބާކީ ތިބި މީހުންނަށް ވެކްސިން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދާ ކަމަށް ހެލްތު މިނިސްޓްރީން ރޭ ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވިދާޅުވީ ވެކްސިން ގެނައުމާއި ވެކްސިން ޖަހަން ތައްޔާރުވުމުގެ މަސައްކަތްތައް ބަރާބަރަށް ކުރިއަށް އެބަދާ ކަމަށެވެ.
"އެހެންވީމާ ހުރިހާ ދިވެހި ރައްޔިތުންނަށް ވެކްސިން ލިބޭނެ. އަދި ހަމަ ދުނިޔެ އަށް ނުކުންނަ އެންމެ އަވަހަކަށް އަޅުގަނޑުމެންނަށް ވެސް އިރާދަކުރެއްވިއްޔާ އެ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ޑރ. ޝާހު ވިދާޅުވި ގޮތުގައި ކޮވިޑް ވެކްސިން ރޭހުގެ ކުރީގައި އުޅޭ ވެކްސިންތަކުގެ ތެރެއިން ރާއްޖެ އިން ހޯދަން މަސައްކަތްކުރަމުންދަނީ އޮކްސްފަޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނިކާގެ ވެކްސިނާއި މޮޑާނާގެ ވެކްސިނެވެ. ބަހައްޓަން ޖެހޭ ފިނިމިނާއި ރާއްޖޭގެ މާހައުލަށާއި ވެކްސިންގެ ނަތީޖާ އަށް ބަލާ އިރު އެންމެ އެކަށީގެންވަނީ އެ ދެ ވެކްސިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެ ވެކްސިންތައް އެންމެ އަވަހަށް އަޅުގަނޑުމެންނަށް ލިބޭނެ،" ޑރ. ޝާހު ވިދާޅުވި އެވެ.
"ކުރިއަށް މި އޮތް ދޮޅު މަހެއްހާ ތެރޭގައި ވެކްސިން ރެޑީވާން ވާއިރަށް އަޅުގަނޑުމެން ރެޑީވާނެ އެ ވެކްސިން ރާއްޖެ އަށް ރިސީވްކުރަން. އެހެންވީމާ އެ ޓާގެޓަށް އަޅުގަނޑުމެން މިހާރު އެކިއެކި ޓެކްނިކަލް ގްރޫޕްސްތަކާ އެއްކޮށް ސްޓިއަރިން ކޮމިޓީ ތެރެއިން މަސައްކަތްކުރަމުން މި ގެންދަނީ."
ހަމަހަމަކަމާ އެކު ހުރިހާ ގައުމަކަށް ވެސް ވެކްސިން ލިބޭނެކަން ކަށަވަރުކުރަން ހިންގާ ބައިނަލްއަގުވާމީ ޕްރޮގްރާމް، ކޯވެކްސް ފެސިލިޓީން ފުރަތަމަ ވެކްސިން ލިބޭނީ ތިން ޕަސެންޓަށެވެ. އެ ޑޯޒްތައް ދޭނީ ކޮވިޑްގެ ބަލިމީހުންނާ ސީދާ ބައްދަލުވާން ޖެހޭ ނުވަތަ ވައިރަހަށް ހުށަހެޅޭ ގޮތަށް މަސައްކަތްކުރާ ނަރުހުންނާއި ޑޮކްޓަރުން ފަދަ މީހުންނަށެވެ. ދެން ލިބޭ 17 ޕަސެންޓް ބަހާނީ އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑް ޖެހިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ބިރު އޮތް ނުވަތަ ބޮޑަށް ބަލިވެދާނެ މީހުންނަށެވެ.
ޑރ. ޝާހު ވިދާޅުވީ ވެކްސިން ޖަހަން ފަށައިގަންނާނީ އިސްކަންދޭން ޖެހޭ ތަރުތީބުން ޑަބްލިޔުއެޗްއޯގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އެންމެ ފުރަތަމަ ވެކްސިން ބޭނުންވާ ވަރު އަންދާޒާކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ކައުންސިލްތައް މެދުވެރިކޮށް ރަށްރަށުން މީހުންގެ މައުލޫމާތު އެއްކުރަން ފަށައިފަ އެވެ.