2024 ގައި ވެރިކަމަށް ކުރިމަތިލެއްވުމުގެ ޚިޔާލު ޓްރަމްޕް ގެންގުޅުއްވާ
2024 ގައި ވެރިކަމަށް ކުރިމަތިލެއްވުމުގެ ޚިޔާލު ޓްރަމްޕް ގެންގުޅުއްވާ

ވޮޝިންޓަން (ޑިސެމްބަރު 3) - މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީ ގަބޫލްކުރައްވަން ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހެއްދެވި ނަމަވެސް އެމެރިކާގައި ރިޔާސީ އިންތިޚާބު ދެން ބާއްވާ 2024 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލެއްވުމުގެ ޚިޔާލު ޓްރަމްޕް ފާޅު ކުރައްވައިފި އެވެ.

"ނިމިގެން ދިޔައީ ވަރަށް ކާމިޔާބު ހަތަރު އަހަރު. އަދި އިތުރު ހަތަރު އަހަރު ލިބޭތޯ މަސައްކަތް ކުރަމުން މިދަނީ. އެހެން ނޫނީ ހަތަރު އަހަރު ފަހުން އަދި ބައްދަލު ކުރާނަން،" ވައިޓް ހައުސްގައި ބޭއްވި ކްރިސްމަސް ޕާޓީއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

ރިޕަބްލިކަން ޕާޓީގެ އިސް މެންބަރުން ބައިވެރިވި އެ ޕާޓީއަށް މީޑިއާ އަށް ދައުވަތެއް ނުދެ އެވެ. ނަމަވެސް ޕާޓީގައި ޓްރަމްޕް ދެއްވި ތަގްރީރުގައި ވަނީ އާއްމުވެފަ އެވެ.

އިންތިޚާބު ބޭއްވިތާ މަހެއް ފަހުން ވެސް، 74 އަހަރުގެ ރައީސް ގެންދަވަނީ ބަލި ގަބޫލް ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. އިންތިޚާބަށް ފަހު ރަސްމީ އިވެންޓްތައް މަދުކުރެއްވި ނަމަވެސް ޓްވިޓާ މެދުވެރިކޮށް ޓްރަމްޕް ގެންދަވަނީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާ ވިދާޅުވެފައި ވަނީ އިންތިޚާބު އޮޅުވާލާފައިވާކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ.

އެންބީސީ ނިއުސް އިން ބުނީ ޓްރަމްޕުގެ 2024 ގެ ކެމްޕޭން ޖެނުއަރީ 20 ގައި ލޯންޗްކުރުމާ ގުޅޭ ގޮތުން ގާތް ފަރާތްތަކާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެއީ ރައީސްކަމުގެ މަގާމާ ޖޯ ބައިޑަން ހަވާލުވެވަޑައިގަންނަވާ ދުވަހެވެ. އެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވެވަޑައި ނުގަންނަވާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

ތަޖްރިބާކާރުން ބުނަނީ ޖެނުއަރީ 20 ގެ ފަހުން ޓްރަމްޕަކީ ކުރީގެ ރައީސް އަށް ވުމާ އެކު ސިޔާސީ ގޮތުން ކަންކަން ބަދަލުވެގެންދާނެ ގޮތެއް ނޭނގޭ ކަމަށެވެ. ސަބަބަކީ ރިޕަބްލިކަން ޕާޓީގެ ގިނަ އަދަދެއްގެ ސެނެޓަރުންނާއި ގަވަރުނަރުން ވައިޓް ހައުސްގެ އުއްމީދުގައި މިހާރު ވެސް ތިއްބެވުމެވެ.

އެއް ދައުރު ވެރިކަން ކުރައްވައި ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ވެރިކަމަށް ކުރިމަތިލެއްވުމަށް އެމެރިކާގެ ގާނޫނު އަސާސީ މަނަލެއް ނުކުރެ އެވެ. ގާނޫނުން މަނަލީ ދެ ދައުރަށް ވުރެ އިތުރަށް ވެރިކަން ކުރުމެވެ.

އެއް ދައުރު ވެރިކަން ކުރެއްވުމަށް ފަހު ޖެހިގެން އައި ދައުރުގައި ފެއިލްވުމުން ހަތަރު އަހަރު ފަހުން ކުރިމަތިލައްވައި، ކާމިޔާބު ހޯއްދާފައި ވަނީ، އެމެރިކާގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ބޭފުޅެކެވެ. އެއީ ނަވާރަ ވަނަ ގަރުނުގެ ފަހުކޮޅު ވެރިކަން ކުރެއްވި ގްރޯވާ ކްލެވަލޭންޑެވެ. އޭނާ ވަނީ 1884 ވަނަ އަހަރު ވެރިކަމަށް އިންތިޚާބުވެފަ އެވެ. ނަމަވެސް 1888 ވަނަ އަހަރުގެ އިންތިޚާބުގައި ނާކާމިޔާބުވުމުން، ހަތަރު އަހަރު ފަހުން ރިޔާސީ އިންތިޚާބަށް ނުކުންނަވައި 1892 ވަނަ އަހަރުގެ އިންތިޚާބު ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. އެހެންކަމުން ކްލެވަލޭންޑަކީ އެމެރިކާގެ 22 ވަނަ އަހަރު 24 ވަނަ ރައީސް އެވެ.

ދެ ވަނަ ދައުރު ފެށި އިރު ކްލެވަލޭންޑުގެ އުމުރަކީ 56 އެވެ. ދެހާސް ސައްވީސްގައި ޓްރަމްޕަށް 78 އަހަރު ފުރޭނެ އެވެ. އެއީ ބައިޑަންގެ މިހާރުގެ އުމުރެވެ.