ސްޕެނިޝް ލީގުގެ މެޗުތަކަށް ސަޕޯޓަރުން ވައްދަނީ
ސްޕެނިޝް ލީގުގެ މެޗުތަކަށް ސަޕޯޓަރުން ވައްދަނީ

މެޑްރިޑް (ޑިސެމްބަރު 2) - ސްޕެނިޝް ލީގުގެ މެޗުތަކަށް އަންނަ މަހު ސަޕޯޓަރުން ދަނޑަށް ވެއްދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު ޔޫރަޕްގެ އެކި ގައުމުތަކުގައި އަންނަނީ ދަނޑަށް ސަޕޯޓަރުން ވެއްދުމުގައި މަސައްކަތް ފަށަމުންނެވެ. އެ ގޮތުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި ގައިދުރުކަން ބަހައްޓައިގެން މެޗުތައް ބަލަން ވަކި އަދަދަކަށް ސަޕޯޓަރުން މިހާރު ވެސް ވަދެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގެ މެޗުތަކަށް ސަޕޯޓަރުން ވަންނާނެ އެވެ. އެ ގޮތުން ހުއްދަދީފައި ވަނީ އެ ކްލަބެއް ނިސްބަތްވާ ސަރަހައްދެއްގައި ކޮވިޑް އޮތް މިންވަރަށް ބަލައި 2000-4000 މީހުންނަށެވެ.

ސްޕެއިނުގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ޓެބާސް ވިދާޅުވީ ސްޕެއިނުގައި ސަޕޯޓަރުން ދަނޑުތަކަށް ވެއްދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

"ދަނޑުތަކުން ވަރަށް އަވަހަށް ސަޕޯޓަރުން ފެންނާނެ. އުއްމީދަކީ 2021 ވަނަ އަހަރު ފެށޭއިރު އެކަން ވުން. ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އަންނަ މަހު އެކަން ކުރެވޭނެ ކަމުގެ،" ޓެބާސް ވިދާޅުވި އެވެ.

ސްޕެއިނުގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ ހަފްތާގެ ތެރޭ ސަޕޯޓަރުން ދަނޑުތަކަށް ވަންނަން ކަނޑައަޅާ އުސޫލުތަކެއް އާންމުކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އުއްމީދަކީ ފުޓްބޯޅަ އިންޑަސްޓްރީ އަށް މިހާރު ލިބެމުން އަންނަ މާލީ ގެއްލުންތަކަށް ވީހާ ވެސް އަވަހަށް ހައްލެއް ހޯދުން ކަމަށް އޮފިޝަލް ބުންޏެވެ.

ސްޕެނިޝް ލީގުގެ 20 ކްލަބަށް ސަޕޯޓަރުން ދަނޑަށް ނުވެއްދޭތީ ޓީމުތަކުގެ އާމްދަނީ އަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރަކު ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަށް ފެނިފައިވާ ބައެއް ލިޔެކިއުންތަކުގައިވާ ގޮތުން ސްޕެއިނުގެ ކޮންމެ ކްލަބެއްގެ އަތުން ސަޕޯޓަރުން ނުވައްދާ ކޮންމެ މެޗެއްގައި ފަސް މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާ ގެއްލެ އެވެ.