02 ޑިސެމްބަރ 2020 - 13:24

ރާއްޖޭން ބޭރުން އަންނަން މީހުންނާއި މާލޭން ރަށްރަށަށް ދާ މީހުންގެ ފަރާތުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް 14 ދުވަހަށް ކަރަންޓީނުކުރަން އޮތް އުސޫލު ބަދަލުކޮށް ކަރަންޓީނު މުއްދަތަކީ 10 ދުވަސް ކަމަށް އެޗްޕީއޭ އިން ހަމަޖައްސައި އެކަން އިއުލާނުކޮށްފި އެވެ.
މި ބަދަލާ އެކު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި އެއާޕޯޓް ހިންގާ ހުރިހާ ރަށެއްގައި ވެސް މީހުން ބޭރުތެރޭ އުޅޭއިރު މާސްކް އެޅުމަށާއި ބޭރުގައި އުޅޭ ވަގުތު އެކަކުއަނެކަކާ މަދުވެގެން ތިން ފޫޓު ދުރުމިން ބަހައްޓަން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭ އިން މި ބަދަލު ގެނެސް ފުރަތަމަ ނެރުނު އިއުލާނުގައި، "ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މީހުން ދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމާއި ބޭރުގައި އެކުވެ އުޅޭއިރު 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން" އޮތް ނަމަވެސް އެޗްޕީއޭ އިން ފަހުން ބުނީ އެއީ އެދެވިގެންވާ ގޮތެއް ކަމަށެވެ. ޚަބަރު ފުރަތަމަ ޝާއިއުކުރި އިރު "މާސްކް އެޅުން މަޖުބޫރު" ކަމަށް ލިޔެފައި އޮތީ އެހެންވެ އެވެ.
އެޗްޕީއޭ އިން ކުރި އިއުލާނުގައި ބުނެފައިވަނީ މިގޮތަށް އަމަލުކުރަން ފަށާނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކަމަށާއި އޭގެ ކުރިން ގޮސް ކަރަންޓީނުވެފައިވާ މީހުން 14 ދުވަސް ހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓް މީހަކާ ޑައިރެކްޓް ކޮންޓެކްޓްވާ މީހުން އަދިވެސް 14 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހޭނެ އެވެ.
އަލަށް ގެނައި ބަދަލުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށާއި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ މީހުން ވެސް 72 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހުށަހަޅަން ޖެހޭނެ އެވެ. އަދި މިގޮތަށް ހަދާ ޓެސްޓަށް ޚަރަދުކުރަން ޖެހޭނީ ވެސް އެ ދަތުރެއް އިންތިޒާމުކުރާ ފަރާތަކުންނެވެ.
މި ބަދަލުތައް ގެނެސްފައި މި ވަނީ ކަރަންޓީނުވާން ނުޖެހޭ ގޮތަށް، ހާއްސަ ހުއްދައިގެ ދަށުން ރަށްރަށަށްދާ މީހުން، އެޗްޕީއޭގެ އުސޫލާ ހިލާފުވާއިރު އެހެން މީހުންނަށް ހަރުކަށި އުސޫލު ގެންގުޅޭ ކަމަށް ބުނެ އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
އިއްޔެ އިރުއޮއްސި 6:00 އާ ހަމަ އަށް ރާއްޖޭން ވަނީ ކޮވިޑްގެ 13,049 ކޭސް ފެނިފަ އެވެ. އޭގެ ތެރެއިން 11,968 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި 47 މީހަކު މަރުވެފައިވެ އެވެ. ބަލި ޖެހޭ މީހުންގެ އަދަދު މި ދުވަސްވަރު މަދުވެފައި ވިޔަސް، މި ބަލިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ފަރުވާ ކުޑަ ނުކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.