02 ޑިސެމްބަރ 2020 - 13:28

ލަންޑަން (ޑިސެމްބަރު 2) - އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން، ކޮރޯނާވައިރަހަށް އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އިނގިރޭސި ވިލާތުން މިއަދު ދީފި އެވެ.
"ފައިޒާ-ބަޔޯއެންޓެކުގެ ވެކްސިން ބޭނުން ކުރުމަށް މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރުއޭ) އިން ދިން ލަފާ ސަރުކާރުން މިއަދު ވަނީ ގަބޫލްކޮށްފައި،" ޑިޕާޓްމަންޓް އޮފް ހެލްތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ހެލްތު ޑިޕާޓްމަންޓުން ބުނީ އަންނަ ހަފުތާ އިން ފެށިގެން އިނގިރޭސިވިލާތުގައި އެ ވެކްސިން ބޭނުންކުރާނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ ވެކްސިން ދޭ މީހުންގެ ތެރޭގައި ކެއާ ހޯމްތަކުގެ މީހުން ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ. އޭގެ ފަހުން ސިއްހީ ދާއިރާގެ އޮފިޝަލުންނާއި އުމުރުން ދުވަސްވީ މީހުން އަދި ހައި-ރިސްކް މީހުންނަށް ވެކްސިން ދޭނެ އެވެ.
ހެލްތު ޑިޕާޓްމަންޓުން ބުނީ ވެކްސިންގެ ޑޭޓާ އެނަލައިޒްކޮށް އަދި ކްލިނިކަލް ޓްރަޔަލްތަކަށް ފަހު އެމްއެޗްއާރުއޭ އިން ވަނީ އެތަނުގެ ސްޓެންޑަޑްތަކަށް ވެކްސިންގެ ރައްކާތެރިކަން ފެތޭ ކަމަށް ނިންމައިފައި ކަމަށެވެ.
ފައިޒާގެ ޗެއާމަން ވިދާޅުވީ މިއީ ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ތާރީޚީ "ވަގުތުކޮޅެއް" ކަމަށެވެ.
ފައިޒާ އާއި ބަޔޯއެންޓެކުން ބުނީ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެހެން ގައުމުތަކުން ވެސް ވަރަށް އަވަހަށް ދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ފައިޒާގެ ވެކްސިން އަށް އިނގިރޭސި ވިލާތުން ވަނީ 40 މިލިއަން ޑޯޒަށް އޯޑަރު ދީފަ އެވެ. އަދި އަހަރު ނިމޭހާތާނގައި 10 މިލިއަން ޑޯޒް ފޯރުކޮށްދޭނެ ކަމަށްވެ އެވެ.
ފައިޒާގެ ވެކްސިންގެ ހުއްދަ އަށް އެދި ޔޫއެސް ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
ފައިޒާގެ ވެކްސިންގެ ޑޭޓާ ދައްކާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް އެ ވެކްސިން އިން 94 ޕަސެންޓް ރައްކާތެރިކަން ލިބެ އެވެ. ފައިޒާގެ ވެކްސިންގެ އަޖުމަ ބެލުމުގެ މަރުހަލާގައި 44،000 މީހުން ބޭނުން ކުރި އެވެ. މީގެ ތެރޭން ދެބައިކުޅަ އެއްބައި މީހުންނަށް އަސްލު ވެކްސިން ދިން އިރު ބާކީ ތިބި މީހުންނަށް ދިނީ ޕްލެސީބޯ (ފޭކް އިންޖެކްޝަން) އެވެ.
ފައިޒާ އާއި ބަޔޯއެންޓެކުން ވެކްސިން މި އުފައްދާފައި ވަނީ ގާތްގަނޑަކަށް ދިހަ މަހެއްހާ ދުވަސްތެރޭގައި ވައިރަސްގެ ޖެނެޓިކް ކޯޑު ދެނެގަނެގެންނެވެ. މިއީ ވެކްސިނެއް އުފައްދަން ބަލާނަމަ ވަރަށް ކުރު މުއްދަތެކެވެ.
ވެކްސިން ދިން މީހުންގެ ހުރިހާ އުމުރު ފުރައެއްގެ މީހުންގެ ހަށިގަނޑުގައި ވެސް ކޮރޯނާވައިރަހަށް ދިފާއު އުފެދޭ ކަމަށް ތަހުލީލުތަކުން ދައްކާފައިވެ އެވެ. ކޮރޯނާވައިރަހުގެ ނުރައްކާ އުމުރުން ދުވަސްވީ މީހުންނަށް ބޮޑު ނަމަވެސް، ފައިޒާގެ ވެކްސިން އިން މިހާރު އެ ވަނީ އެކަމުގެ ބިރަށް ވެސް ހައްލު ގެނެސްދީފަ އެވެ.
ފައިޒާ އާއި ބަޔޯއެންޓެކުން އުއްމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން 50 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމޭއިރު 1.3 ބިލިއަން ޑޯޒުގެ ވެކްސިން ނެރެވޭނެ ކަމަށް އުއްމީދު ކުރެ އެވެ. ދެ ކުންފުނިން ވެސް ވެކްސިން އުފެއްދުމުގައި ބޭނުންކޮށްފައި ވަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީ އެވެ. މިއީ ވެކްސިން އުފެއްދުމުގައި މީގެ ކުރިން ބޭނުންކޮށްފައި ނުވާ އީޖާދެކެވެ. ކުރިން ނަމަ ވެކްސިން އުފައްދަނީ އެ ބައްޔެއް ނިސްބަތްވާ ވައިރަސް ނުވަތަ ޖަރާސީމު ބޭނުންކޮށްގެންނެވެ. އެކަމަކު މި ވެކްސިންގައި ބޭނުންކުރީ ސީދާ ކޮރޯނާވައިރަސްގެ ބަދަލުގައި އޭގެ ޖެނެޓިކް ކޯޑެވެ. އެ ކޯޑު ހަށިގަނޑަށް ފޮނުވާލުމުން ކޮރޯނާވައިރަސްއާ ދެކޮޅަށް ދިފާއީ ބާރު އުފެދެ އެވެ. އަދި އެއްވެސް ގޮތަކުން ހަށިގަނޑު ތެރެއަށް ކޮރޯނާވައިރަސް ވަދެއްޖެ ނަމަ، އެ ގިނަވިޔަނުދީ، ބާރު ދެރަކޮށް، ނައްތާލަ އެވެ.
ފައިޒާ-ބަޔޯއެންޓެކްގެ ވެކްސިން ގަދަ ފިނީގައި ގެންގުޅެން ޖެހުމަކީ އެ ވެކްސިން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ދިމާވާނެ ގޮންޖެހުމެކެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފައިޒާ އިން ބުނެފައި ވަނީ ޑްރައި އައިސް ބޭނުންކޮށްގެން ޓެމްޕަރޭޗާ-ކޮންޓްރޯލްޑް ތާމަލް ޝިޕާސްތަކެއް އުފައްދާފައިވާ ކަމަށެވެ. ޑްރައި އައިސް ރިފިލް ކުރުމުން 15 ދުވަސް ވަންދެން ފިނިކަން ބެހެއްޓޭނެ ކަމަށް ފައިޒާ އިން ބުނެފައިވެ އެވެ.