02 ޖޫން 2016 - 11:25

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އައްޑު އަތޮޅުގައި ހިންގާ ސަދަން ޓްރާންސްޕޯޓް ލިންކް އޮފީހުގެ 300،000 އަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވި މައްސަލާގައި އެތަނުގެ މުވައްޒަފަކު އާދީއްތަ ދުވަހު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެމްޕީއެލް އިން ތަހްގީގްކޮށްދޭން ހުށަހެޅި މައްސަލާގައި ހައްޔަރުކުރީ 35 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުސް އޮފީހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަށް ކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްދީފަ އެވެ.
އެމްޕީއެލްގެ ފައިސާ އަށް ހިޔާނާތްތެރިވި މައްސަލަ ތަހްގީގްކުރަނީ ހިތަދޫ ޕޮލިސް ސްޓޭޝަނުންނެވެ.