02 ޑިސެމްބަރ 2020 - 12:21

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް އިލެކްޝަން ކޮމިޝަނުގެ ދަށަށް ގެންދެވޭނީ އެންމެ ފުރަތަމަ އެ ބަދަލު ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުގައި ހިމަނައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
އެސޯސިއޭޝަންތަކުގެ އިންތިހާބު އިލެކްޝަންސް ކޮމިޝަނުގެ ދަށަށް ގެންދިއުމަށް ހުށަހެޅުއްވީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ހަސަން ލަތީފެވެ. އެކަމާ ދެކޮޅަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ރާއްޖޭގެ 18 ގައުމީ ކުޅިވަރު އެސޯސިއޭޝަނުން ވަނީ ތެދުވެފަ އެވެ.
މިނިސްޓަރާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ދެކޭގޮތުގައި މި އިސްލާހު މި ފާސްވެއްޖެ ނަމަ ތިން ވަނަ ފަރާތެއްގެ ނުފޫޒު އެސޯސިއޭޝަނަށް ފޯރިކަމަށް ބުނެ ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ރާއްޖެ ސަސްޕެންޑްކުރާނެ އެވެ.
އިއްޔެގެ ބަހުސުގައި ތޯރިގް ވިދާޅުވީ އޭނާގެ ނަޒަރުގައި ޖުމްލަކޮށް ބަލާއިރު ކުޅިވަރު ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތައް ރަނގަޅު ކަމަށެވެ. އެކަމަކު މި ބަދަލުތައް ގެންނަން އުނދަގޫވެގެން މި އުޅެނީ "ޒަމާންތަކެއް ވަންދެން އެއް ގޮތަކަށް ހަރުވެފައި އޮތް ކަމެއް މަޑުކުރަން ނުވަތަ ބަދަލުކުރަން އުޅުމަކީ ފަސޭހަކަމަކަށް ނުވާނެ" ތީ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ކުޅިވަރުގެ އިންތިހާބު ބޭއްވުމާ ބެހޭގޮތުން ތޯރިގް ވިދާޅުވީ ގާނޫނާ ހަމައިން މިކަން ކުރަން އުޅުމުގެ ބަދަލުގައި އެންމެ ފުރަތަމަ ބަދަލު ގެންނަންވީ އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުން ކަމަށެވެ. އެ ގޮތަށް އަމަލުކޮށްފިނަމަ ސަސްޕެންޑްކުރާނެ ކަމަށް މި ދެކެވޭ ވާހަކަތަކަށް ހައްލެއް ހޯދިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި އޭނާ ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއް ސަސްޕެންޑްނުވެ ހައްލުކުރެވޭނެ ކަމަށެވެ. އެކަމަކު އެކަން ރަނގަޅުކުރެވޭނީ އެސޯސިއޭޝަންތަކުގެ އިންތިހާބާ ބެހޭ ބައި، އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުން ހައްލުކޮށްގެން ކަމަށް ވިދާޅުވި އެވެ.
"އޭގެ ފަހުން ގާނޫނަކުން ވެސް އެ ގޮތަށް ކަނޑައަޅައިފިއްޔާ ޕްރެޝަރު ނައިސް އިންތިހާބުތައް ދެ ފުށް ފެންނަ ގޮތަށް ތަރުތީބު ކުރެވިގެންދާނެ،" ތޯރިގް ވިދާޅުވި އެވެ.
"މިސާލަކަށް ފުޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގެ ވޯޓިން ޕްރޮސީޖާ ދާ ގޮތް ނިންމަންވާނީ އެ ކްލަބްތަކުން ފުރަތަމަ އަސާސީ ގަވާއިދު ބަދަލުކޮށްގެން. މިހާރު ވެސް ޖުމްލަކޮށް ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު އޮންނާނީ އެއްކަހަލަ ގޮތަކަށް. ހަމައެކަނި ތަފާތު ވަނީ އެ އެސޯސިއޭޝަންގައި މިހާރު ތިބި ފަރާތްތައް ބޭނުންނުވާ ގޮތަކަށް އެ މައްސަލަ އަންނާތީ. އެހެންނޫނަމަ މި ސަސްޕެންޝަންގެ ވާހަކަ ދެއްކުމުގެ ފުރުސަތެއް ނޯންނާނެ."
ތޯރިގް ވިދާޅުވީ އިސްލާހު މިހާރު އޮތްގޮތުން ދިމާވާނެ ކަމަކީ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ހަދައި ވަކި ގޮތެއް އަމުކުރުކޮށްފައި އެ ގޮތަކަށް އިލެކްޝަން ބާއްވަން އެސޯސިއޭޝަންތަކަށް އެންގުމުން އެއީ ނުފޫޒު ފޯރުވި ކަމަށް ބަލައި ސަސްޕެންޑްކުރުމުގެ ބިރު އޮތުން ކަމަށެވެ.
ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ވަނީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އިން ގައުމުތައް ފުޓްބޯޅައިގައި ސަސްޕެންޑްކޮށްފައިވާ ގޮތްތަކަށް ވެސް އަލި އަޅުވާލައިފަ އެވެ. ތޯރިގް ވިދާޅުވީ 2003 އިން ފެށިގެން މިއަދާ ހަމައަށް ފީފާ އިން 29 ގައުމެއް ސަސްޕެންޑްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އެއް ފަހަރަށް ވުރެން ގިނަ ފަހަރު ސަސްޕެންޑްވި ގައުމުތައް ވެސް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ އާންމުކޮށް ފީފާ އިން ގައުމުތައް ސަސްޕެންޑް ކުރަނީ އެ އެސޯސިއޭޝަނެއްގެ އެތެރޭގައި ހިނގާ ހަނގުރާމައިގެ ތެރޭގައި އޭގެ ތެރޭގައި ހިމެނޭ ފީފާއާ ގުޅުމެއް އޮންނަ ފަރާތަކުން ބޭނުންވެގެން ކަމަށެވެ.
"ކުވޭތު 2007 އިން 2008 ވަނަ އަހަރަށް ސަސްޕެންޑްކުރީ އެ ގައުމުގެ ޕާލަމެންޓުން ފާސްކުރި ގާނޫނަކަށް ބިނާކޮށް. (އެކަމަކު) އަސްލު ހަގީގީ މައްސަލަ އަކީ ކުވޭތުގެ އޭރު އެފްއޭގައި ރައީސަކަށް ހުރި ފަރާތް ބޭނުންވަނީ އެ މީހުންގެ އާއިލީ ވެރިކަމުގެ ބާރުތަކުގެ ތެރޭގައި ހިނގި މައްސަލައެއްގައި ކުވޭތު ސަސްޕެންޑްކޮށް ރައްޔިތުންގެ ޕްރެޝަރު ކުވޭތުގެ އަމީރަށް ނުވަތަ ސަރުކާރަށް ޕްރެޝަރު ކޮށްފައި ބަހައްޓަން،" ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާކިސްތާން ވިޔަސް އިންޑޮނީޝިއާ ވިޔަސް މިހާރު އެންމެ ފަހުން ސަސްޕެންޑްކޮށްފައި އޮތް ގައުމުތަކުގައި އޮންނަނީ އެތަނެއްގެ އެތެރޭގެ ޕޮލިޓިކްސް ކަމަށެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތަކުގައި މައްސަލަ ދިމާވަނީ ހަމައެކަނި ރާއްޖެ އަކު ނޫން ކަމަށާއި މިއީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ގައުމުތަކުގައި ހިނގާ ކަމެއް ކަމަށް ތޯރިގު ފާހަގަކުރެއްވި އެވެ. މި ގޮތަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ކުޅިވަރުތަކުގެ ބައިނަލްއަގުވާމީ ޖަމިއްޔާ އިން އަތުގައި އޮތް ބާރު ކޮންޓްރޯލް ކޮށްގެން ކަންކަން ކުރިއަށް ގެންދަން ބޭނުންވުން ކަމަށާއި އަދި މައްސަލައެއް ދިމާވާ ގައުމެއްގެ ކުޅިވަރު އެސޯސިއޭޝަނެއް ސަސްޕެންޑް ކޮށްގެން ވެސް ބޭނުންވަނީ ކަންކަން ހައްލުކުރުމަށް ކަމަށް ތޯރިގް ވިދާޅުވި އެވެ.