02 ޑިސެމްބަރ 2020 - 11:23

އޮންލައިންކޮށް ކައިވެނިކޮށް ދިނުން ހުއްޓާލުމަށް ފަހު، ކޯޓާއި ކޯޓުން ބޭރުގައި ކައިވެނިކޮށް ދޭން ފެމިލީ ކޯޓުން އަލުން ފަށައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ފެމިލީ ކޯޓުން ކައިވެނިކޮށް ދެމުން ދިޔައީ އޮންލައިންކޮށެވެ.
ފެމިލީ ކޯޓުން ނެރުނު އިއުލާނެއްގައި ވަނީ އިއްޔެ އިން ފެށިގެން އޮންލައިންކޮށް ކައިވެނިކޮށް ދިނުން ހުއްޓާލުމަށް ފަހު، ކޯޓަށް މީހުން ހާޒިރުކޮށްގެން ކައިވެނިކޮށްދޭން ފަށާފައިވާ ކަމަށެވެ. ކޯޓުން ބޭރުގައި ކައިވެނި ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި އެކަމަކު އެފަދަ ކައިވެނިތައް ބޭއްވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެ އިއުލާނުގައިވެ އެވެ.
ފެމިލީ ކޯޓުން ހަމަޖައްސާފައިވާ ގޮތުން، ކޯޓުން ބޭރުގައި ކައިވެނި ކުރާ ތަނަކީ އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ، މީހުން ދިރިނޫޅޭ ތަނަކަށް ވާން ޖެހޭނެ އެވެ.
ކައިވެނިކޮށް ދިނުމުގެ ކުރިން ގިނަ ކޯޓުތަކުން ޝަރީއަތްތައް ވެސް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. އަދިވެެސް ގިނަ ކޯޓުތަކުން ޝަރީއަތްތައް ކުރިއަށް ގެންދަނީ އެގޮތަށެވެ.