ތޫފާނާއި ކޮޅިގަނޑުގެ ސަބަބުން، ކުރިއަށް އޮތް ފަސް ދުވަހު ވައި ގަދަވާނެ: މެޓް
ތޫފާނާއި ކޮޅިގަނޑުގެ ސަބަބުން، ކުރިއަށް އޮތް ފަސް ދުވަހު ވައި ގަދަވާނެ: މެޓް

ލަންކާ ކައިރީގައި އުފެދިފައިވާ ތޫފާނާއި ރާއްޖޭގެ ދެކުނު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދަށް އާދަޔާ ހިލާފަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެެފި އެވެ.

މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް "މިހާރު" އަށް ވިދާޅުވީ ސްރީ ލަންކާގެ އިރު ދެކުނުން ގާތްގަނޑަކަށް 250 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ "ބުރެވި" ތޫފާނާއި ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަަބުން މުޅި ރާއްޖެ ސަރަހައްދަށް ވައި ގަދަވެ، ކަނޑު ގަދަވާނެ ކަމަށެވެ. އެހެންވެ، ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވާން އޭނާ އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން މި އަންނަނީ މި ސަރަހައްދުގެ މޫސުން ވަރަށް ގާތުން މޮނިޓަރުކުރަމުން. މޫސުން އިތުރަށް ގޯސްވާ ވަރަކަށް އެލާޓް ނެރޭނަން،" ހާފިޒް ވިދާޅުވި އެވެ.

ބުރެވި ތޫފާން ސްރީ ލަންކާގެ ޓްރިންކޮމަލީ ސިޓީ އަށް މިއަދު ހަވީރު އަރާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ. އަދި ރާއްޖޭގެ ދެކުނުގައި އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ވެސް އަންނަނީ ބާރު ގަދަވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް އެ ތޫފާނާއި ކޮޅިގަނޑު ވެސް ދަނީ ރާއްޖެއާ ދުރަށް ދަތުރުކުރަމުން،" ހާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ރާއްޖެ ސަރަހައްދުގައި ވިއްސާރަ ވިލާ އުފެދިފައިވާ ކަމަށެވެ. ނަމަވެސް ބޯކޮށް ވާރޭ ވެހުން އެކަށީގެން ނުވާ ކަމަށް ވިދާޅުވި އެވެ.

"އާންމުކޮށް ވައި ޖެހޭނެ ކަމަށް ބެލެވެނީ 15-25 މޭލުގެ ބާރުމިނެއްގައި،" އޭނާ ވިދާޅުވި އެވެ.

މެޓުން ބުނީ މިއަދު ހަވީރު 6:00 އާ ހަމައަށް ބަލާއިރު، އެންމެ ދެކުނުގެ ބައެއް ރަށްރަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ. އެހެންވެ އެ ސަރަހައްދުތަކަށް ގުގުރައި، ވިއްސާރަކުރުން އެކަށީގެންވާ ކަމަށް ބުންޏެވެ. ވިލާގަނޑުގައި 35 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ރާޅުގެ އުސްމިން ތިން ފޫޓާއި ފަސް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.