ފްލެޓް ލިބުނު މީހެއްގެ އަތުން ފްލެޓް އަތުލި ކަމެއް ނޭނގެ: އަސްލަމް
ފްލެޓް ލިބުނު މީހެއްގެ އަތުން ފްލެޓް އަތުލި ކަމެއް ނޭނގެ: އަސްލަމް

ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ ތެރެއިން އެއްވެސް މީހަކަށް ލިބުނު ފްލެޓް އަތުލިކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށާއި މާކްސް އަށް ބަދަލު އައީ ލިސްޓްތަކުގެ ސައްހަކަން ކަށަވަރުކުރުމުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ފޯމްތަކުގައިވާ މައުލޫމާތުގެ ސައްހަކަން ބަލާނެ ކަަމަށް، ހިޔާ މަޝްރޫއުގެ ފްލެޓް ލިބުނު ކަމަށް މީހުންނަށް ދިން ލިއުމުގައި ވެސް ޖަހާފައި އޮތް ކަމަށެވެ. ލިއުންތައް ދިން އިރު ހުރީ އެ މީހަކު ހުށަހެޅި އެއްޗަކަށް މާކްސްދީގެން، އެއްވެސް ބަލައިލުމެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ސައްހަކަން ކަށަވަރުކުރުމަށް ޓަކައި [ކުރީގެ ސަރުކާރުން] ހިންގި ޕްރޮސެސް ހަމަ ހިނގަމުން އައީ. އެ މަސަައްކަތް އަޅުގަނޑުމެން ކޮންޓިނިއު ކުރީ. އެހެންވީމާ އެބަހުރި މީހުންނަށް ލިބުނު މާކްސްގައި މިހާރު ތަފާތު،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާކްސްތަކަށް ބަދަލު އައިގޮތް މިހާރު އާއްމުކޮށްފައިވާ ލިސްޓްތަކުން އެނގެން ހުންނާނެ ކަމަށެވެ. މީހުންނަށް މާކްސް މަދުވީ ކޮންކޮން ބަޔަކުން ކަމާއި މީހަކު އިވެލުއޭޓް ނުކުރެވުނު ނަމަ އެކަން ވެސް އެނގެން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މިހާރު ޕަބްލިޝްކުރެވިފައި ހުރި ލިސްޓްތަކުގައި ހުންނާނެ ކުރިން ލިބިފައި ހުރި މާކްސް، އިވެލުއޭޓްކުރެވުނީ ކޮން ކްރައިޓީރިއާއަކުން ކަމާއި މިހާރު މަދުވިއްޔާ، ތަފާތެއް، ފަރަގެއް އައިސްފައި ހުރިއްޔާ ފަރަގު އައީ ކޮންތާކުންކަން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އާއްމުކޮށްފައިވާ ލިސްޓްތަަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ހުޅުވާލާފައި ކަމަށާއި ލިސްޓްތައް ފަހުން އިވެލުއޭޓްކުރި މީހުން އިވެލުއޭޓް ކުރިގޮތް ގޯސް ކަމަށް ވަންޏާ އެކަން ގޯސް ކަމަށް ބުނެ ސާބިތުކޮށްދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ ލިސްޓް އަލުން އިވެލުއޭޓްކުރުމަކީ ވަރަށް ގިނަ ބައެއްގެ އެދުމެއް ކަމަށާއި އެއީ ވަރަށް ގިނަ ބައެއްގެ ހައްގު އެކަމުގައި އެކުލެވިގެންވާ ކަމެއް ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓްތަކުގެ ތެރެއިން އެންމެ ފަހުން އާއްމުކުރީ އެޗް7 ކެޓަގަރީގެ ލިސްޓެވެ. ހިޔާ މަޝްރޫއުގެ 12 ކެޓަގަރީން 25،000 މީހުން ފޯމުލިއިރު، އެންމެ ގިނަ މީހުން ބޯހިޔާވަހި ކަމަށް އެދުނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލި އެޗް7 ކެޓަގަރީން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ކެޓަގަރީ އަށް 8000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. ހުޅުމާލެ އިން 805 ފްލެޓް ކަނޑައަޅާފައިވާ މި ކެޓަގަރީން ހުށަހެޅި ފޯމުތައް ފްލެޓް ކޮމިޓީން އިވެލުއޭޓް ކުރުމަށް ފަހު، ވަގުތީ ދެ ލިސްޓެއް ނެރެފައިވެ އެވެ. އަދި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓު ވެސް ވަކިން ނެރެފައިވެ އެވެ.