03 ނޮވެމްބަރ 2016 - 13:27

ހ. ތެމާގައި ހިންގާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހަށް މިއަދު ކަޅުތެޔޮ ޖަހައިފި އެވެ.

އެ އޮފީހަށް ކަޅުތެޔޮ ޖަހާފައިވަނީ 10:30ގެ ފަހުންނެވެ. އެވަގުތު އެ އޮފީސް ތެެރޭގައި މީހަކު ނެތް ކަމަށް ޕީޕީއެމްގެ މައުމޫން ފެކްޝަނުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

"ހެނދުނު 10:30 ހާއިރު އޮފީހަށް އައިއިރު ނެތް ކަޅުތެޔޮ ޖަހާފައެއް،" އޮފިޝަލް ވިދާޅުވި އެވެ.
އެ އޮފީހަށް ކަޅުތެޔޮ ޖަހާފައި ވަނީ ޕީޕީއެމްގައި ބައިބައިވުން އުފެދި އެ ޕާޓީ ހިންގުން މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ކޯޓުން ހަވާލުކޮށް، އެ އޮފީހުގައި ހުރި މުދަލާއި ލިޔެކިޔުންތައް ރައީސް ޔާމީން ފެކްޝަނުން ގެންގޮސް ދެ ފެކްޝަންގެ މަސައްކަތްތައް ދެ އޮފީހުގައި ހިންގަމުން އަންނަނިކޮންނެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ މަސައްކަތްތައް ކުރަމުން އަންނަނީ ދަރުބާރުގޭގަ އެވެ.
މިދިޔަ ހުުކުރުދުވަހުގެރޭ ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ އޮފީހަށް ވަދެ މުދާތައް ގެންދިއުމަށްފަހު ވަނީ މައުމޫނަށާއި ޕާޓީގެ އާއްމު މެމްބަރުންނަށް ނިސްބަތްކޮށް އޮފީހުގެ ފާރުތަކުގައި ހުތުރު ބަސްތައް ލިޔެފަ އެވެ.