އުމުރުން ދުވަސް ވެއްޖެ، ސަލާމަތެއް ނުވި، ދެން ފެށީ ރޯން
އުމުރުން ދުވަސް ވެއްޖެ، ސަލާމަތެއް ނުވި، ދެން ފެށީ ރޯން

ރައްޓެހި ފިރިހެނެއްގެ ގެޔަށް ގޮސް ބޯން ފެށި "ތެޔޮ ސިނގިރޭޓުން" މަސްތުގެ ތެރެއަށް ވެއްދިތާ 22 އަހަރު ވެ، އަދި އޭނާގެ އުމުރު 60 އަހަރާ ކައިރިކުރާ އިރު ވެސް، މުޅިން ސަލާމަތްނުވެވި ހޭދަކުރި ދުވަސްތަކަކީ ހަޔާތުގެ ކަޅު ސަފުހާތަކެވެ. އެކަމުން ދުރުވާން އޭނާ ބޭނުމެވެ. ފަަރުވާ ހޯދި އެވެ. މަސްތުވާތަކެތި ބޭނުންނުކޮށް އެތަައް ދުވަހަކު ހުއްޓެވެ. އެކަމަކު މިދިއަ ހަފުތާގައި އޭނާއާ ބައްދަލުވި އިރު އޭނާގެ ކޮޓަރިއަކީ އައްޑާއެކެވެ. ޒުވާނުންނާ އެކު އަނެއްކާވެސް މަަސްތުވާ އެއްޗެހި ބޭނުންކުރަމުން ދަނީ އެވެ.

އުމުރުން ދުވަސް ވެއްޖެ، ސަލާމަތެއް ނުވި، ދެން ފެށީ ރޯން
އުމުރުން ދުވަސް ވެއްޖެ، ސަލާމަތެއް ނުވި، ދެން ފެށީ ރޯން

އެ އަންހެންމީހާ އަށާއި މުޅި މުޖުތަމައުއަށް ވެސް އެއީ ހިތްދަތި ވާހަކައެކެވެ. އަމިއްލަ ހަޔާތުގެ އެ މާޒީ ކިޔައިދެމުން އޭނާ ރޯން ފެށި އެވެ. އެކަމުން ސަލާމަތްނުވެވުމުގެ އިހުސާސްތަކާއި އަދިވެސް ސަލާމަތްވާން ބޭނުންވާކަމުގެ ވާހަކަތަކެވެ.

"އަޅުގަނޑު އަމިއްލައަށް ބޭނުންވެގެން ފަރުވާއަށް އެދުނީ،" މަސްތުގެ ތެރެއަށް އަނެއްކާވެސް ވަދެވުމާ އެކު އެކަމުން ސަލާމަތްވާން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އަށް ހުށައަޅާފައިވާކަން ކިޔައިދެމުން އަންހެންމީހާ ބުންޏެވެ.

އޭނާ ހުރީ ކުޑަކުޑަ ކޮޓަރިއެއްގަ އެވެ. ފުލުހުންނާއި ނޫސްވެރިން އެތަނަށް ވަނީ، އެއީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އެއްވެ، އެ އަމަލް ހިންގާ ތަނަކަށް ވާތީ އެވެ. އެކަމަކު ފުލުހުން ވަން އިރު އެ ކޮޓަރީގައި އޭނާ ނޫން އެހެން މީހަކު ނެތެވެ.

އެހެން މީހުންނާ އެކު މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އޭނާ އެއްބަސްވި އެވެ. އެގޮތުން ކުރީ ދުވަހަކު ދެ ފިރިހެނަކާ އެކު މަސްތުވި ކަމަށް ބުންޏެވެ.

މިއީ ރާއްޖޭގައި މަސްތުވާތަކެތި އާންމުވެ، ގިނަ ބަޔަކު އޭގެ ތެރެއަށް އެންމެ ފުރަތަމަ ވަން ދުވަސްވަރު އެ ބޭނުންކުރަން ފެށި މީހުންގެ ތެރެއިން އެކެކެވެ. އާންމުކޮށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ އެ ނުބައި ވަބާ އިން ސަލާމަތްނުވެވި އުޅެނީ ޒުވާނުން ކަަމަށެވެ. ނަމަވެސް 1990ގެ އަހަރުތަކުގެ ކުރީކޮޅު، މަސްތުވާތަކެއްޗާ ދެކޮޅަށް އޭރުގެ ސަރުކާރުން ފުރަތަމަ ފެށި އޮޕަރޭޝަންގެ ވާހަކަ އާންމުންނަށް ތިލަވި އިރު، އޭގެ ތެރޭގައި އޭރު ތިބި ޒުވާނުންގެ އުމުރު މިހާރު ވަނީ 50 އަހަރުން މައްޗަށް ގޮސްފަ އެވެ.

އަންހެންމީހާގެ ބައެއް ވާހަކަތައް ހުރި ގޮތުން، އޭނާގެ ހަނދާނުން ބައެއް ކަންކަން ކައްސާލާކަން އެނގެ އެވެ. އަދި އޭނާ ގޭ ކައިރި ބައެއް މީހުންނާ ވާހަކަ ދައްކާލުމުން، އޭނާގެ ކުރީގެ ފިރިމީހާއާ ބެހޭ ގޮތުން ދިން މައުލޫމާތުތައް ރަނގަޅު ނޫންކަން ވެސް، ދޭހަވެ އެވެ.

އެކަމަކު މައްސަލައަކީ އެއެއް ނޫނެވެ. މައްސަލައަކީ މަަސްތުވާތަކެތީގެ ނުރައްކާ، އަންހެންމީހާގެ ދިރިއުޅުމުގެ ހުރިހާ ދިމާއަކުން ވެސް ފެނުމެވެ. އެއިން ސަލާމަތްނުވެވި، އާއިލާ ރޫޅި، ހުރި ހަމައެކަނި ދަރިފުޅަށް ވެސް އަޅާނުލެވުމުގެ ހިތާމަ އެވެ.

އޭނާ ބުނި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރަން ފެށުނީ ފިރިމީހާ މަރުވުމުން، 1990ގެ އަހަރުތަކުގެ ފަހުކޮޅު އެވެ (އެގޭ ދޮށު މީހަކު ބުނީ ފިރިމީހާ މަރުނުވާ ކަމަށާއި ކޮންމެވެސް ސަބަބަކާ ހުރެ އަންހެންމީހާ ދޫކޮށް ދިޔައީ ކަމަށެވެ). މީގެ ތެރެއިން ތެދީ ކޮން ވާހަކައެއް ނަމަވެސް، އޭނާގެ ބަަސްތަކުން ލަފާކުރެވެނީ، ފިރިމީހާއާ ވަކިވުމުން ހަޔާތަށް ހިތާމަތަކެއް ކުރިމަތިވިކަމާއި އެކަން އޭނާގެ ރައްޓެއްސަކާ ހިއްސާކުރުމުން، އެމީހާގެ ގެއަށް ގެންގޮސް ސިނގިރޭޓެއް ދިން ކަމެވެ.

އެ ސިނގިރޭޓް ބުއިމާ އެކު "އަޅުގަނޑު ބުނީ ބޮލަށް ގޮތެއް ވެއޭ. ނުދެވޭނެއޭ ގެއަކަށް. ބުނީމަ އޭނާ ކާރަކަށް ލައިގެން އަޅުގަނޑު ގެނެސްދިނީ ގެއަށް،" އަންހެންމީހާ ކިޔައިދިނެވެ.

"ދެން އޭގެ ފަހުން އެ ބޭނުންކުރާ ހިތްވާން ފެށީ. އަޅުގަނޑަށް އޭރު ނޭނގެ ސިނގިރޭޓަށް އަޅާފައި ހުރީ ކޯއްޗެއްކަމެއް. މިހާރު އަޅުގަނޑަށް އެނގެނީ ހަޝިޝް އޮއިލްކަން އޭރު އެއަށް އަޅާފައި ހުރީ. ދުންފަތާ އެއްކޮށް [ހަޝިޝް އޮއިލް] އަޅާފައި ދިނީ އަޅުގަނޑަށް."

އޭގެ ފަހުން އޭނާ ބޭނުންވީ ތެޔޮ ބޯށެވެ. އެކަމަކު ރައްޓެހި ފިރިހެންމީހާ ދެން އެދެން ފެށީ ފައިސާއަށެވެ. އެހެންކަމުން މަސްތުވާތަކެތި ގަނެގެން ބޯން ޖެހޭ ވަރަށް އޭގެ އަސަަރުތަައް ހަށިގަނޑަށް ވެރިވެގަތެވެ. އަދި މަސްތުވާތަކެތީގެ އެހެން ބާވަތްތައް ވެސް ބޭނުންކުރަން ފެށި އެވެ.

ފުލުހުން ކުރިއަށް ގެންދާ "އެންޓި-ސްޓްރީޓް ޑީލިން އޮޕަރޭޝަން"ގައި ނޫސްވެރިން މާލޭގެ އެކި އައްޑާތަކަށް ގެންދިޔަ އިރު، މި އަަންހެންމީހާގެ ހަޔާތުން ޔަގީންކޮށްދެނީ މަސްތުވާތަކެއްޗަކީ ވަކި އުމުރެއްގައި ބޭނުންކޮށް، ވަކި އުމުރަކަށް ދިއުމުން ހުއްޓާލެވޭނެ އެއްޗެއް ނޫން ކަމެވެ. އެއަށް ވުރެ އޭގެ ނުރައްކާ ބޮޑުވެފައި، ދިވެހި މުޖުތަމައު އެކަމުން ސަލާމަތްވާން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ވަރުގަދަވާން ޖެހޭނެ ކަމެވެ.

އޭނާ ބުނި ގޮތުގައި މަސްތުވާތަކެތި ބޭނުންނުކޮށް ގިނަ އަހަރުތަކެއް ވުމަށް ފަހު އަލުން އޭގެ ތެރެއަށް ވަދެވުނީ، ހުރި ހަމައެކަނި ދަރިފުޅު ގައިގައި ބަޔަކު ތަޅައިގަތުމުން ލިބުނު ހިތްދަތިކަމުގައި، މީގެ ތިން މަސް ކުރިންނެވެ. އެކަމަކު އެއީ ގަބޫލުކުރަން ފަސޭހަ ވާހަކައެއް ނޫނެވެ. އައްޑާއެއްގެ ގޮތުގައި އޭނާގެ ކޮޓަރި ފުލުހުންގެ ސަމާލުކަމަށް އައިސްފައި އެވަނީ، އެތަނުގައި އެކަން ކުރުން މި ފަހުން ފެށިގެން ކަމަށް ލަފައެއް ނުކުރެވެ އެވެ.

އަންހެންމީހާގެ ހަޔާތުގެ ވާހަކަ ކިޔައިދެމުން ގޮސް ރޯން ފެށުނީ، ފަރުވާއަށް ދާން ބޭނުންވާ ވާހަކަ އައި ހިސާބުންނެވެ. އޭނާ އަޅައިގެން ހުރި ބޮޑު ބުރުގާއިން އަނގަމަތި ނިވާކޮށްލައި، ރުއިން ކޮންޓްރޯލްކޮށް، ވާހަކަ ދެއްކި އެވެ.

"އަޅުގަނޑު އަސްލު ވެސް ވަރަށް ދެރަވެއްޖެ އަޅުގަނޑަށް އެނބުރި މިހާ ގިނަ ދުވަހު ބޭނުން ނުކޮށް ހުރެފައި މަސްތުވާ އެއްޗެހީގެ ތެރެއަށް ދެވުނީމަ،" އޭނާ ބުންޏެވެ.

"އަޅުގަނޑު ބޭނުންވަނީ ހުއްޓާލައިގެން ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމައުގައި އުޅެން."

އެކަމަކު އޭނާ އާއި ފުލުހުންގެ އޮޕަރޭޝަންގައި ދިމާވި އުމުރުން ދުވަސްވީ އެހެން ބައެއް މީހުންގެ ވާހަކަތަކުން އެނގެނީ، އެއީ އެހާ ފަސޭހަ ކަމެއް ނޫން ކަމެވެ. އަޒުމެއް ނެތުމާއި އަދި އެނޫން ވެސް ކޮންމެވެސް ސަބަބަކާ ހުރެ، މި މީހުންގެ ދިިރިއުޅުން ވެސް ވަނީ، ޒުވާނުންނެކޭ އެއްގޮތަށް، ބޭކާރުވެފަ އެވެ.

ފަރުވާއަށް އެދެނީ އަދި ފަރުވާގެ ތެރޭގައި އުޅެނީ ވެސް، އެއިން ސަލާމަތްވުމުގެ އުއްމީދުގަ އެވެ. އަދި މި އެންމެންނަށް ވެސް އެމީހުންގެ ހަޔާތުގެ ނާކާމިޔާބު އިހުސާސްތައް ކުރެވެ އެވެ. އެހެން މީހުންނަށް ރަނގަޅު މެސެޖް ވެސް ދެ އެވެ.

މަސްތުވާތަކެތިން "ދުރުހެލިވެގެން އަޅުގަނޑުމެންނަށް އުފާވެރި މުސްތަގުބަލެއް ލިބޭނީ،" އަަންހެންމީހާ ބުންޏެވެ.

"އަސްލު މި މުޖުތަމައުއަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭ ކަމެއްކަން ގަބޫލުކުރަން."

ދެން އޭނާ ވެސް މިސާލު ނެގީ، މުޅި ދިރިއުޅުމަށް ކުރި ނުބައި އަސަަރުތަކުންނެވެ. އޭގެ ތެރޭގައި ދަަރިފުޅަށް އަޅާނުލެވުމުގެ ހިތާމަ ވެސް ހިމެނެ އެވެ.

"ގައިމު ވެސް އަޅުގަނޑު ބޭނުންކުރީމާ އަޅުގަނޑުގެ ދަރިފުޅަށް ވަރަށް ދެރަ ނިކަމެތިކަމެއް ލިބުނީ. އަޅުގަނޑު ބޭނުމެއް ނުވޭ އެކަމުގެ ތެރޭގައި އަޅުގަނޑު ދެމިހުންނާކަށް. އަޅުގަނޑުގެ ދަރިފުޅު ވެސް އެދެނީ ކުރީގެ ގޮތުގައި ރަނގަޅު މީހެއްގެ ގޮތުގައި މަންމަ ހުންނަން،" ފަހައިގެން އާމްދަނީ ހޯދަމުން އަންނަ އަަންހެންމީހާ ކިޔައިދިނެވެ.