01 ޑިސެމްބަރ 2020 - 20:21

އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ދެ ކޮޅިގަނޑެއްގެ އަސަރު ރާއްޖެއަށް ކޮށްފާނެ ކަމަށް ބެލެވޭތީ، އެ ދެ ކޮޅިގަނޑަށް އަންނަމުންދާ ބަދަލުތައް ބަލަމުން އަންނަ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ސްރީ ލަންކާގެ ޓްރިންކޮމަލީގެ އިރު ދެކުނުން 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރު ގަދަމުން އަންނަ ކަމަށާއި މާދަމާގެ ވަގުތެއްގައި އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. މި ކޮޅިގަނޑު ތޫފާނަކަށް ވެއްޖެ ނަމަ ދަތުރުކުރާނީ ހުޅަނގަށް ކަމަށާއި މި މަހުގެ ތިން ވަނަ ދުވަހު ދެކުނު އިންޑިއާގެ އައްސޭރިފަށަށް އަރާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އިރު ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި މި ކޮޅިގަނޑުގެ ސަބަބުން ބުރާސްފަތި ދުވަހުން ފެށިގެން ހަފުތާ ބަންދު ތެރޭގައި ވެސް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މި ދެ ކޮޅިގަނޑުން ރާއްޖެ އަށް ކުރާނެ އަސަރުތައް ދެނެގަނެ، މެޓް އޮފީހުން ކަނޑައަޅާފައިވާ ސަމާލު އަދި އިންޒާރުގެ މެސެޖުތައް މެދުވެރިކޮށް މައުލޫމާތު ދެމުން ގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ހިސާބުތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފަ އެވެ.