01 ޑިސެމްބަރ 2020 - 14:07

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގައި ކަނޑައަޅާފައިވާ 14 ދުވަހުގެ ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރުކުރަން ނިންމާފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ކަރަންޓީނުގެ މުއްދަތު ކުރުކުރަން ނިންމީ ކޮވިޑް-19 އާ ގުޅޭ ކަންކަން ނިންމާ ޕޮލިސީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.
ކަރަންޓީނާ ގުޅޭގޮތުން ގެނައި ބަދަލުތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވެ އެވެ. މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި މަހު 5 ގައި ހަމަވާނެ އެވެ.
ރާއްޖޭގައި ކަރަންޓީނު ވުމަށް މިހާތަނަށް ހަމަޖައްސާފައިވާ މުއްދަތަކީ 14 ދުވަހެވެ. ނަމަވެސް މިހާރު ކަނޑައަޅާފައިވާ އުސޫލު ނުހިނގާ ކަމުގެ ޝަކުވާ އާއި އެކަމަށް ތަބާ ނުވުމުގެ މައްސަލައާ އެކު ކަރަންޓީނާ ދެކޮޅަށް ދައްކާ ވާހަކަ ވަނީ ހޫނުވެފަ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕްރެސް ބްރީފިންގައި ވެސް ކަރަންޓީނުގެ މުހިންމު ކަމާއި މިހާރު އޮތް 14 ދުވަހުގެ ކަރަންޓީނު، ސައިންޓިފިކް އާ ހެކި ލިބުމުން ނޫނީ ކުރު ނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. މިއީ ކޮވިޑް ފެތުރެން ފެށިތާ ކުރީކޮޅުން ފެށިގެން ބަލަމުން އަންނަ ކަރަންޓީނު މުއްދަތެކެވެ. ބަލި ކޮންޓްރޯލްކުރުމުގައި މިއީ ކަރަންޓީނަށް އެންމެ އެކަށީގެންވާ މުއްދަތު ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުން ވެސް މިހާރު އަންނަނީ ކަރަންޓީނުގެ މުއްދަތު ކުރުކުރަމުންނެވެ. އެގޮތުން އިނިގރޭސި ވިލާތަށް ދަތުރުކުރާ މީހުން ކޮވިޑާ ގުޅިގެން ކަރަންޓީނު ވާން ޖެހޭ މުއްދަތު ފަސް ދުވަހަށް ކުރުކުރަން ނިންމާފައި ވެ އެވެ.