01 ޑިސެމްބަރ 2020 - 12:27

ތެހެރާން (ޑިސެމްބަރު 1) - އީރާނުގެ އެންމެ އިސް ނިއުކްލިއާ ސައެންސްޓިސް މުހްސިން ފަޚްރިޒާދާ އަވަހާރަކޮށްލާފައި ވަނީ ރިމޯޓް ކޮންޓްރޯލް ހަތިޔާރެއް ބޭނުންކޮށްގެން ކަމަށް ތެހެރާނުން ބުނެފި އެވެ.

ފަޚްރިޒާދާ އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ އިޒްރޭލް ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
އީރާނުގެ ސެކިއުރިޓީ އިސް އޮފިޝަލް އަލީ ޝަމްޚާނީ ވިދާޅުވީ ފަޚްރިޒާދާ އަވަހާރަކޮށްލަން ހަމަލާދީފައި ވަނީ "އިލެކްޓްރޯނިކް އިކްއިޕްމަންޓެއް" ބޭނުންކޮށްގެން ކަމަށެވެ.
ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ ޝަމްޚާނީ ވިދާޅުވީ ހަމަލާދިން އިރު ފަޚްރިޒާދާގެ ކާރު ކައިރީގައި މީހަކު ނެތް ކަމަށެވެ. އަދި އެއީ ރާވައިގެން ދިން ރިމޯޓް-ކޮންޓްރޯލް ހަމަލާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމްޚާނީ ވިދާޅުވީ ފަޚްރިޒާދާ އަވަހާރަކޮށްލަން ރާވަމުންދާކަން އީރާނުގެ އިންޓަލިޖެންސަށް ކުރިން އެނގިފައިވާ ކަމަށެވެ. ހަމަލާގެ ފަހަތުގައިވާ ބަޔަކާ ގުޅޭ ގޮތުން ޝަމްޚާނީ ވިދާޅުވީ އެކަންކޮށްފައި ވަނީ އީރާނުން ބޭރުގައި ހަރަކާތްތެރިވާ އިދިކޮޅު ޖަމާއަތެއް ކަމަށްވާ މުޖާހިދީން އަލް ޚަލްގާއި އިޒްރޭލް ކަމަށެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގައި ފަޚްރިޒާދާ ވަނީ 2000 ގެ އަހަރުތަކުގައި އިސް ރޯލެއް އަދާކުރައްވައިފަ އެވެ.
އީރާނުން އެންމެ ފުރަތަމަ ބުނެފައި ވަނީ ފަޚްރިޒާދާ އަވަހާރަކޮށްލީ ތެހެރާނުގެ އިރުން އޮންނަ އަބްސާދުގައި ކާރުގައި ވަޑައިގަންނަވަނިކޮށް ބަޑިން ހަމަލާދީ ކަމަށެވެ. ހަމަލާ ދިން މީހުންނާއި ފަޚްރިޒާދާގެ ބޮޑީގާޑުންނާ ދެމެދު ވެސް ހަމަލާތައް ބަދަލުކުރި ކަމަށް ބުނެފައިވެ އެވެ. ހަމަލާގެ ތެރޭގައި ޓްރަކެއްގައި ބޮމެއް ގޮއްވާލި ކަމަށް ވެސް ބުނެފައިވެ އެވެ. އީރާނުގެ މީޑިއާތަކުން ބުނެފައި ވަނީ ހަމަލާގައި ބައިވެރިވި ތިނެއް ނޫނީ ހަތަރު ޓެރަރިސްޓުން މަރާލާފައިވާ ކަމަށެވެ.
އިޒްރޭލްގެ އިންޓަލިޖެންސް މިނިސްޓަރު އެލީ ކޯއެން ވިދާޅުވީ ފަޚްރިޒާދާ އަވަހާރަކޮށްލަން ހަމަލާ ދިނީ ކޮން ބައެއްކަން ނޭނގޭ ކަމަށެވެ.
އިޒްރޭލުން އަބަދުވެސް ބުނަމުން ދަނީ އީރާނުގެ ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމުގެ ފަހަތުގައި ހުންނެވި ފަރާތަކީ ފަޚްރިޒާދާ ކަމަށެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެޕްރީލް، 2018 ވަނަ އަހަރު ދެއްވި ޕްރެޒެންޓޭޝަނެއްގައި ވެސް ވަނީ ފަޚްރިޒާދާގެ ނަން ފާހަގަ ކުރައްވައިފަ އެވެ.
ފަޚްރިޒާދާގެ ޖަނާޒާގައި އީރާނުގެ ޑިފެންސް މިނިސްޓަރު ޖެނެރަލް އާމިރު ހާތަމީ ވިދާޅުވީ އެ މަރުގެ ބަދަލު ހިފާނެ ކަމަށެވެ.
"ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ދުޝްމަނުންނަށް ދަންނަވަން ބޭނުން ވަނީ އެއްވެސް ޖަރީމާއަކަށް އީރާނުން ރައްދު ނުދީ ނުތިބޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.