01 ޑިސެމްބަރ 2020 - 11:31

ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އައި އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ. މިއީ އެ ބަލި ޖެހިގެން ރާއްޖެ އިން މަރުވި 47 ވަނަ މީހާ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އެ މީހާ މަރުވީ މިއަދު ހެނދުނު 7:49 ގައި ކަމަށެވެ. މިއީ މި މަހުގެ ފުރަތަމަ ކޮވިޑް މަރެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފެށި ނަމަވެސް އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ސަމާލުވާން އެޗްޕީއޭ އިން އަންނަނީ އެދެމުންނެވެ. އިރުޝާދާ އެއްގޮތަށް މާސްކު އަޅާށާއި ދުވަސްވީ މީހުން ދިރިއުޅޭ ތަންތަނަށް ޒިޔާރަތް ކުރާއިރު ހާއްސަ ސަމާލުކަމެއް ބަހައްޓަން އެތަނުން އިލްތިމާސް ކުރެ އެވެ.