އަޖޭގެ ރިލީޒްނުވެ އޮތް "ނާމް" ދައްކަން ތައްޔާރުވަނީ
އަޖޭގެ ރިލީޒްނުވެ އޮތް "ނާމް" ދައްކަން ތައްޔާރުވަނީ

އަޖޭ ދޭވްގަން ކުޅެފައިވާ ފިލްމު "ނާމް" ރިލީޒްނުވެ ވަރަށް ބޮޑަށް ދިގުލައިގެން ދިއުމަށް ފަހު އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމުގެ އިޝާރާތެއް ޑައިރެކްޓަރު އަނީސް ބަޒްމީ އެވެ.

މީޑިއާއަކަށް ދިން އިންޓަވިއެއްގައި ބަޒްމީ ބުނީ ޑިޖިޓަލް ޕްލެޓްފޯމަކުން ނުވަތަ ޓީވީ ޗެނެލަކުން ވެސް ފިލްމު ޕްރިމިއާކޮށްފާނެ ކަމަށެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ޒީ ސިނެމާ އިން ވަނީ އަނީސް ޑައިރެކްޓްކޮށް ރިލީޒްނުކޮށް ގިނަ ދުވަސްތަކެއްވެފައި އޮތް "އިޓްސް މައި ލައިފް" ވެސް ދައްކާފަ އެވެ.

ބޯނީ ކަޕޫރާއި ކޮއްކޮ ސަންޖޭ ކަޕޫރް ޕްރޮޑިއުސްކުރި އެ ފިލްމަކީ މިހާރު ފިލްމު ކުޅުމާ ދުރުގައި ހުރި ހަރްމަން ބަވޭޖާ އާއި އެކްޓަރު ރިތޭޝް ދޭޝްމުކްގެ އަންހެނުން ޖެނީލިއާ ޑި ސޫޒާގެ އިތުރުން ނާނާ ޕަޓޭކަރް މުހިއްމު ރޯލްތައް ކުޅުނު ފިލްމެކެވެ.

އަޖޭއާ އެކު އަނީސް ހެދި "ނާމް" އަކީ 2004 ގައި ޝޫޓްކޮށްފައި އޮތް ސަސްޕެންސް ތުރިލާއެކެވެ. މީގެ ބަތަލާއިންނަކީ މިހާރު އެކްޓިންއާ ދުރުގައި ހުރި ސަމީރާ ރެޑީ އާއި ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ބޫމީ ޗާވްލާ އެވެ. ސްވިޓްޒަލެންޑްގައި ބޮޑު ބައި ޝޫޓްކުރި "ނާމް" އަކީ ކުރިން "ބޭނާމް" ގައި ނަމުގައި ހެދި ފިލްމެކެވެ. ފިލްމުގެ ނަން "ނާމް" އަށް ބަދަލުކޮށް އެންމެ ފަހުން ސިނަމާތަކަށް ގެންނަން މަސައްކަތްކުރީ 2013 ގަ އެވެ. އެކަމަކު ވަކި ހިސާބަކުން އެކަން ހުއްޓިފައި އޮތް ގޮތަށް ފިލްމުގެ ވާހަކައެއް މިހާތަނަކަށް ނުދެކެވެ އެވެ.

"ނާމް" އާ ބެހޭ ގޮތުން ބަޒްމީ ބުނީ މިއީ އަޖޭގެ ވަރަށް މޮޅު އެކްޓިންއެއް ފެންނާނެ ފިލްމެއް ކަމަށާއި ބެލުންތެރިންނަށް އެ ފިލްމު ގެނެސްދޭން ވަރަށް ބޭނުންވާ ކަމަށެވެ. މި ފިލްމުގެ ވާހަކަ މިދިޔަ އަހަރު ޓްވިޓާގައި ވެސް ބަޒްމީ ހިއްސާކޮށްފައިވެ އެވެ. "ނާމް" ޕްރޮޑިއުސްކުރީ އަޖޭގެ އަލަތު ފިލްމު 1991 ގެ "ޕޫލް އޯރް ކާންޓޭ" ގެ ޕްރޮޑިއުސަރު ދިނޭޝް ޕަޓޭލް އެވެ.

"ނާމް" ގެ ކުރިން އަޖޭ ވަނީ ބަޒްމީ 2002 ގައި "ގެނެސްދިން "ދީވާންގީ" އާއި 1998 ގެ "ޕިޔާރު ތޯ ހޯނާ ހިތާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

"މުބާރަކަން" އާއި "ވެލްކަމް" އަދި "ނޯ އެންޓްރީ" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ބަޒްމީގެ ކުރިއަށް އޮތް ފިލްމަކީ ކާތިކް އާރިޔަކާއި ކިއާރާ އަދުވާނީއާ އެކު ގެނެސްދޭ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" އެވެ.

އަޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އާރްއާރްއާރް" އާއި "ބޫޖް" އާއި "މައިދާން" އާއި "މޭޑޭ" އާއި "ތޭންކް ގޯޑް" އަދި ތަމަޅަ ފިލްމު "ކައިތީ" ގެ ރިމެކް ހިމެނެ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ގެނެސްދިން "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ.