01 ޑިސެމްބަރ 2020 - 10:52

އިންކަމް ސަޕޯޓް އެލަވަންސް ހޯދަން ބައެއް މީހުން މަކަރު ހަދާތީ ޖޮބް ސެންޓަރުން ފުލުހުން މެދުވެރިކޮށް މައްސަލަތައް ބަލަން ފަށައިފި އެވެ.
ޖޮބް ސެންޓާގެ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ޑައިރެކްޓަރު ޝުހާދު އިބްރާހިމް "މިހާރު" އަށް ވިދާޅުވީ އިންކަމް ސަޕޯޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ސައްހަ ނޫން މައުލޫމާތު ފޯރުކޮށްދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ވަޒީފާ އަދާކުރާ މީހުންނާއި އަމިއްލަ މަސައްކަތް ކުރާ މީހުންގެ ކެޓަގަރީން ފޯމު ހުށަހަޅާފައިވާ މީހުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަތައް ފާހަގަވުމާ އެކު ޖޮބް ސެންޓަރުން މިހާރު އަންނަނީ ހުށަހަޅާ ފޯމުތަކުގައި މައްސަލައެއް ހުރިކަން ފާހަގަވާ ނަމަ އެއީ ސައްހަ މައުލޫމާތޯ ބެލުމަށް ފުލުހަށް ހުށަހަޅަމުންނެވެ. މިގޮތަށް ޝައްކުވާ މައްސަލަތައް ތަހުގީގުކޮށް ނިމެންދެން އެ މީހަކަށް ދޭން ޖެހޭ އެލަވަންސް ދިނުން މަޑުޖައްސާލާނެ އެވެ.
ޝުހާދު ވިދާޅުވީ މައްސަލަތައް ބަލައި ނިމުމުން އެއީ ދޮގު މައުލޫމާތުކަން ކަށަވަރުވާ ނަމަ އެ ފޯމެއް ބާތިލް ކުރާނެ ކަމަށެވެ. އަދި އެ މީހަކަށް ކުރިން އެލަވަންސް ދީފައިވާނަމަ އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުށަހަޅާ މައުލޫމާތަކީ ދޮގު މައުލޫމާތުކަން ކަށަވަރުވެއްޖެއްޔާ އެލަވަންސް ދީފަ ހުރި މީހުންގެ އަތުން އަޅުގަނޑުމެން އެދޭނަން ރީފަންޑަށް. އެލަވެންސް ނުދޭ ނަމަ އެ މީހެއްގެ އެޕްލިކޭޝަން ފްލެގްކޮށް، ބާތިލުކޮށް އެލަވަންސެއް ނުދޭނަން،" ޝުހާދު ވިދާޅުވި އެވެ.
އިންކަމް ސަޕޯޓް ދޭން ފެށި އިރު އަމިއްލަ މަސައްކަތް ކުރާ މީހުން ފޯރުކޮށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރަމުން އައީ އެ ރަށެއްގެ ކައުންސިލުންނެވެ. ނަމަވެސް ކައުންސިލްތަކުން އެޕްލިކޭޝަންތައް އެޕްރޫވްކުރުމުގައި މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާތީ މިހާރު އެ އެޕްލިކޭޝަންތައް ވެސް އެޕްރޫވް ކުރަނީ ޖޮބް ސެންޓަރުން ކަމަށް ޝުހާދު ވިދާޅުވި އެވެ.
ޖޮން ސެންޓަރުން ވަނީ މި މައްސަލަތަކުގެ ސަބަބުން އެލަވަންސަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް ވެސް އިތުރުކޮށްފަ އެވެ. އެގޮތުން، އަމިއްލަ މަސައްކަތެއް ކުރާ މީހެއް ނަމަ އޭނާ އަށް އެ މަސައްކަތަކުން ފައިސާ ލިބިފައިވާ ކަން އެންގުމަށް ބިލު ނުވަތަ ބޭންކް ޓްރާންސްފާގެ ކޮޕީއެއް ދައްކަން ޖެހޭނެ އެވެ.
ޝުހާދު ވިދާޅުވިގޮތުގައި މިފަދަ މައްސަލަތައް ދިމާވުމުގެ ސަބަބުން އެލަވަންސް ދިނުމުގައި ކުޑަ ލަސްތަކެއް ދިމާވެ އެވެ. މިހާރު ނުނިމި ހުރީ ވަރަށް މަދު އެޕްލިކޭޝަންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު" އަށް މައުލޫމާތު ދިން މީހަކު ބުނިގޮތުގައި އޭނާ ދިރިއުޅޭ ރަށުގައި ވެސް އެއްވެސް މަސައްކަތެއް ނުކޮށް ތިބޭ ބައެއް މީހުންނަށް ވެސް ވަނީ އެލަވަންސް ލިބިފަ އެވެ. މިގޮތަށް އެލަވަންސް ހޯދުމަށް ފޭކު ޑޮކިއުމަންޓުތައް ހަދައި ކައުންސިލް މެދުވެރިކޮށް އެ އެޕްރޫވްކުރުމަށް ފަހު ހުށަހަޅާ ކަމަށް އޭނާ ބުންޏެވެ.
ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ސަރުކާރުން ހުޅުވާފައިވާ ކޮވިޑް ރިލީފް ފަންޑުގެ ދަށުން ދޭ އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި މިހާތަނަށް 143.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.