"ޝޯރިއާ" އަކީ ސްޓާ ޕްލަސްގެ އާ ސިލްސިލާއެއް
"ޝޯރިއާ" އަކީ ސްޓާ ޕްލަސްގެ އާ ސިލްސިލާއެއް

ފުލުފުލުގައި އާ ސިލްސިލާތައް ގެނެސްދެމުން އަންނަ ސްޓާ ޕްލަސް އިން އަނެއްކާ ވެސް މުޅިން އާ ސިލްސިލާއެއް ގެނެސްދޭން ނިންމައި އޭގެ ޕްރޮމޯ ދައްކާލައިފި އެވެ.

"ޝޯރިއާ: އޭކް އަނޯކީ ކަހާނީ" އަކީ އަންހެނުން މަސައްކަތުގެ މައިދާނުގައި ކުރިއަށް ދާން ހިތްވަރު ދޭ ނުފޫޒު ގަދަ ޒުވާން ފިރިހެނެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. މީގެ ޕްރޮމޯއިން ފެންނަ ގޮތުގައި މޮޅަށް ކިޔަވައިގެން ކާމިޔާބު މީހަކަށްވާން ބޭނުންވާ އަންހެނެއްގެ ހުވަފެންތަކާއި އޭނާ އަށް ކުރިމަތިވާ ކަންކަން ސިލްސިލާ އިން ކިޔައިދޭނެ އެވެ.

ހާއްސަކޮށް ކައިވެނިކޮށް ދަރިން ލިބުމުން އަންހެނުން އާއިލާ ބަލަހައްޓަން ގޭގައި ހުންނަން ޖެހޭ މީހެއްގެ ގޮތުގައި ދެކޭ ދެކުމަށް "ޝޯރިއާ" ގައި އަލިއަޅުވާނެ އެވެ.

މީގެ ބަތަލުގެ ރޯލުން ފެނިގެންދާނީ ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ ކަރަންވީރު ޝަރުމާ އެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ "ބްލޭންކް" އާއި 2017 ގެ "ޝާދީ މޭ ޒަރޫރު އާނާ" އަދި 2014 ގެ "ޒިދު" ހިމެނެ އެވެ.

"ޝޯރިއާ" ގެ ބަތަލާ އަކީ ޑެބާތަމާ ސާހާ އެވެ. އޭނާ ކުރިން ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި މި އަހަރުގެ މާޗް މަހުގެ ތެރޭގައި ސޮނީ ޓީވީން ނިންމައިލި "އިޝާރޯ އިޝާރޯ މޭ" ހިމެނެ އެވެ.

"ޝޯރިއާ" ގެ ޕްރޮމޯ ދައްކަމުން ދިޔަ ނަމަވެސް މީތި ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ސްޓާ ޕްލަސް އިން ބުނީ ވަރަށް އަވަހަށް ގެނެސްދޭން ފަށާނެ ކަމަށެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ސިލްސިލާ މި މަހުގެ 14 ގައި ގެނެސްދޭން ފަށާނެ އެވެ.

ލޮކްޑައުން އަށް ފަހު ސްޓާ ޕްލަސް މުޅިން އަލަށް ގެނެސްދޭން ފެށި ސިލްސިލާތަކުގެ ތެރޭގައި "އަނޫޕަމާ" އާއި "ލޮކްޑައުން ކީ ލަވް ސްޓޯރީ" އާއި "ޝާދީ މުބާރަކް" އާއި "ސާތު ނިބާނާ ސާތިޔާ 2" ގެ އިތުރުން "އިމްލީ" ހިމެނެ އެވެ.

ބޭވަފާތެރި ފިރިއެއްގެ ސަބަބުން އާއިލާއަކަށް ކުރިމަތިވާ ކަންތައްތަކެއް ދައްކުވައިދޭ "އަނޫޕަމާ" އަކީ މި ވަގުތު އިންޑިއާގެ ސިލްސިލާތަކުގެ ތެރޭގައި ޓީއާރްޕީ ރޭޓިންގެ އެންމެ ކުރީގައި އޮތް ސިލްސިލާ އެވެ.