01 ޑިސެމްބަރ 2020 - 07:18

ބޮލީވުޑްގެ އެކްޓަރު ވިވެކް އޮބެރޯއީ އާއިލާއާ އެކު ރާއްޖޭގެ ކްރޮސްރޯޑްސް މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ވިވެކާއި އޭނާގެ އަންހެނުން ޕްރިޔަންކާ އަލްވާ އާއި ދެ ކުދިންނާ އެކު ނަގާފައިވާ ފޮޓޯތަކެއް ޓްވިޓާ އާއި އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެ ފޮޓޯތަކާ އެކު ވިވެކް ބުނީ އާއިލާއާ އެކު ރާއްޖޭގައި ވަރަށް އުފާވެރި ވަގުތަތަކެއް ހޭދަކުރަމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރު ވެސް ވިވެކް ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އެ ދަތުރުގެ ތެރެއިން އެ ފަހަރު އޭނާ ރާއްޖޭގެ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ މިނިސްޓްރީގައި ބައްދަލު ވެސް ކޮށްފައިވެ އެވެ.
މި ވަގުތު އަމިއްލަ އަށް ޕްރޮޑިއުސްކުރާ ދެ ފިލްމެއްގެ މަސައްކަތް ވިވެކް އަންނަނީ ކުރަމުންނެވެ. އެއީ އޭނާގެ އަމިއްލަ ފިލްމު ކުންފުނި އޮބެރޯއީ މެގަ އެންޓަޓައިންމަންޓުން ހަދާ "އިތީ" އާއި "ރޯޒީ: ދަ ސެފްރޯން ޗެޕްޓާ" އެވެ.
ވިވެކް މުހިއްމު ރޯލުތަކުން ވެސް ފެނިގެން ދާނެ މި ދެ ފިލްމުގެ ތެރެއިން "އިތީ" އަކީ 1994 ގެ މިސް ޔުނިވާސް ސުޝްމިތާ ސެންގެ ކޮއްކޮ ރަޖީވް ސެން ބޮލީވުޑަށް ތައާރަފު ވާނެ ފިލްމެވެ. އަދި "ރޯޒީ" އަކީ ކުރީގެ ސިލްސިލާ "ކަސޯޓީ" ގައި ޕްރޭނާގެ ރޯލު ކުޅެގެން މަޝްހޫރުވި ބަތަލާ ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ ބޮލީވުޑަށް ނެރޭ ފިލްމެވެ.
ވިވެކް، 44، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ގެނެސްދިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައޮގްރަފިކަލް ޑްރާމާ "ޕީއެމް ނަރެންދުރަ މޯދީ" އިންނެވެ.
ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގެ އެހެން ބަހުރުވަތަކުން ހަދާ ފިލްމުތަކެއް ވެސް ވިވެކް މި ފަހުން އަންނަނީ ކުޅެމުންނެވެ. އޭގެ ތެރޭގައި ތެލެގޫ، ކަންނާޑާ، ތަމަޅަ އަދި މަލަޔާޅަމް ފިލްމުތައް ހިމެނެ އެވެ.