03 ނޮވެމްބަރ 2016 - 11:04

ރަށްރަށުގައި ފޫހިވެފައި ތިބި ވޮލީބޯޅަ ކުޅުންތެރިންނާއި ކޯޗުން އަލުން ކޯޓަށް ނުކުންނަނީ ވަގުތު ޖެހިއްޖެ ކަމަށާއި ވޮލީބޯޅަ އެސޯސިއޭޝަން އޮތީ އެ ކުޅިވަރު މުޅި ރާއްޖެ އަށް ފަތުރާލަން އަތުކުރި އޮޅާލާފައި ކަމަށް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ގައުމީ ވޮލީބޯޅަ ލީގު ހުޅުވަން ރޭ ކުޅުނު ހާއްސަ މެޗުގެ ކުރިން ވާހަކަދައްކަމުން ލަތީފް ވިދާޅުވީ މިހާތަނަށް ވެސް ވޮލީބޯޅަ ރާއްޖޭގައި ކުޅެމުން އައީ ހަމައެކަނި މާލޭގައޭ ބުނަން ކެރިދާނެ ކަަމަށާއި ދެން ފެންނާނީ ތަފާތު މަންޒަރެއް ކަމަށެވެ.
"ދެން ވޮލީބޯޅަ ކުޅޭނީ މުޅި ރާއްޖޭގައި. ރަށްރަށުގައި ފޫހިވެފައި ތިބި ކޯޗުންނާއި ކުޅުންތެރިން އަލުން ތައްޔާރުވާންވީ ކޯޓަށް ނުކުންނަން،" މިދިޔަ މަހު އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމަށް މާސްޓާޕްލޭނެއް އެބައޮތް ކަމަށާއި ސަރުކާރުގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށެވެ. ސަރުކާރުން ވޮލީބޯޅަ އަށް މި އަހަރު ނުވަ މިލިއަން ރުފިޔާ ދެއްވާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދާމް ވިދާޅުވެފައިވާއިރު ލަތީފް ވަނީ އަންނަ އަހަރަށް 20 މިލިއަން ރުފިޔާގެ ބަޖެޓެއް ދެއްވަން އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑުމެންގެ އެބައޮތް މާސްޓާޕްލޭނެއް. އެކަމަށް ފައިސާ ބޭނުންވޭ،" ލަތީފް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ފުރަތަމަ މަސައްކަތަކީ ވޮލީބޯޅަ ކޯޗުން ތަމްރީން ކުރުން. ކޮންމެ ރަށެއްގައި ކޯޗެއް ބެހެއްޓުން އަމާޒަކީ."
ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގެ ފައިދާ ނަގައި މި ކުޅިވަރު ތަރައްގީކުރަން ކުރެެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ މިނިސްޓަރުގެ ފަހަތުގައި. މި ކުޅިވަރު ތަރައްގީކުރަން ގުޅިގެން މަސައްކަތްކުރަން މިތިބީ،" ލަތީފް ވިދާޅުވި އެވެ.