އެކައުންޓިންގެ ވަޒީފާތަކަށް ދިވެހިންނަށް އިސްކަންދޭން ރައީސް އެދިވަޑައިގެންފި
އެކައުންޓިންގެ ވަޒީފާތަކަށް ދިވެހިންނަށް އިސްކަންދޭން ރައީސް އެދިވަޑައިގެންފި

އެކައުންޓިން ދާއިރާގެ ވަޒީފާތަކަށް ދިވެހިންނަށް ފުރުސަތު ދިނުމަށް ރައީސް އިބްރާހިމް މުހައްދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

އެ މަނިކުފާނު މިކަމަށް އެދިވަޑައިގަތީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވަ އެވެ. މި ބައްދަލުކުރެއްވުމުގައި އައިސީއޭއެމްގެ ކައުންސިލް މެމްބަރުންގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ އެކައުންޓިން ދާއިރާގެ ގާނޫނެއް އޮތުމުން އެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަން ފާހަގަކުރައްވައިފަ އެވެ. އަދި މިހާރު ސަރުކާރުން ފޯރުކޮށްދޭ މަތީ ތައުލީމުގެ ޕްރޮގްރާމުތަކުގެ ތެރެއިން އެކައުންޓިން ދާއިރާއިން ތައުލީމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އައިސީއޭއެމްގެ ކައުންސިލް މެމްބަރުން ވަނީ އެ އިންސްޓިޓިއުޓް އުފެދުމަށް ފަހު ރާއްޖޭގެ އެކައުންޓިން ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި އެ މަސައްކަތުގައި ދިމާވާ ދަތިތަކާ ގުޅޭ މައުލޫމާތު ރައީސްއާ ހިއްސާކޮށްފަ އެވެ. އަދި ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނާ އެކު، ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފަސޭހަވެފައި ކުރިއެރުން ލިބިފައިވާ ކަން ކައުންސިލުން ފާހަގަކުރި އެވެ.

ރާއްޖޭގައި އެކައުންޓިން ދާއިރާ ކުރިއެރުވުމާއި އެ ދާއިރާއާ ގުުޅޭ އުސޫލުތައް ކަނޑައެޅުމަށާއި ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް އެކައުންޓިން މިންގަނޑުތައް ކަނޑައެޅުމަށް ޗާޓަޑް އެކައުންޓެންޓުންގެ ބިލް ރައީސް ތަސްދީގު ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.