އުމުރުން ހަ އަހަރުގައި އުންމީދުތައް ޖައްވުގައި
އުމުރުން ހަ އަހަރުގައި އުންމީދުތައް ޖައްވުގައި

ބޮޑުވެގެން ބޭނުން ވަނީ ސްޕޭސް މިޝަންތަކާ ގުޅުން ހުރި ކަންކަމުގައި މަސައްކަތްކުރަން ކަމަށް ބުނެ އެންމެ ހަ އަހަރުގެ ކުއްޖަކު ޓީވީ ޝޯއެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން އެ ދާއިރާގެ އެތައް ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

ފަޔަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަކާ ހެދި ހިނގުމުން މަހުރޫމުވެފައިވާ، އަޔަލެންޑަށް އުފަން އެޑަމް ކިންގް ޓީވީ ޝޯ "ދަ ލޭޓް، ލޭޓް ޓޯ ޝޯ" ގައި ހުކުރު ދުވަހު ބުނީ އެންމެ ކަމުދަނީ މިޝަން ކޮންޓްރޯލިން ކަމަށާއި އުންމީދަކީ ޖައްވީ ކަންކަމާ ގުޅުން ހުރި މަސައްކަތްތައް ކުރާ މީހަކަށްވާން ކަމަށެވެ.

ކުޑަކުއްޖާގެ މި ވާހަކަ އަޑު އަހާފައި، ޔޫރަޕާއި އެމެރިކާގެ ޖައްވީ އެޖެންސީތަކުގެ މަޝްހޫރު މީސްމީހުން އަންނަނީ އެޑަމް އަށް މެސެޖްތައް ފޮނުވަމުންނެވެ. އެޑަމްގެ ހުވަފެން ހަގީގަތަކަށް ހަދައިދޭނެ ކަމަށް އެ މީހުން ބުނެފައިވެ އެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ކުރި ޓްވީޓެއްގައި ބުނީ އެ މީހުންގެ ޓީމާ އެޑަމް ގުޅޭނެ ދުވަހަކަށް މިހާރު އިންތިޒާރުކުރެވޭ ކަމަށެވެ.

އެންމެ ހަ އަހަރުގައި ބޮޑެތި ހުވަފެންތަކެއް ދެކެމުން އަންނަ އެޑަމް ބައިބެރިވި ޝޯ އަކީ ކުޑަކުދިންނަށް ހާއްސަ ކުޅޭ ސާމާނާއި އެފަދަ އެހެން ގެޖެޓްތައް ކުދިން ލައްވައި ޓެސްޓްކުރުވާ އަހަރީ ޝޯއެކެވެ. އެ ޝޯ އަކީ އަޔަލެންޑްގެ އެންމެ ދުވަސްވީ އެއް ޝޯ ވެސް މެ އެވެ.

މި އަހަރުގެ ޝޯގައި އެޑަމް އޭނާގެ ހުވަފެންތަކާ ބެހޭ ގޮތުންނާއި ކުޅޭ އެއްޗެހިތައް ޓެސްޓްކުރުމުގައި ދެއްކި ހުނަރުން އޭނާ އަކީ "ސްޓާ އޮފް ދި އިޔާ" ވެސް މެ އެވެ.

ޖައްވީ މިޝަންތަކާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުގެ ތެރޭގައި ޝޯގެ ހޯސްޓް ރަޔަން ޓަބްރިޑީ، އެޑަމްގެ ގާތުން ބޮޑުވެގެން ވާން ބޭނުން ވަނީ ކޮން ކަހަލަ މީހަކަށްތޯ އެހުމުން ވަގުތު އޭނާ ބުނީ "ނާސާގެ ކެޕްކޮމް" އަކަށް ކަމަށެވެ. އެއީ ޖައްވީ މިޝަންތަކަށް ފޮނުވާ އުޅަނދުފަހަރުތަކާ މުއާމަލާތްކުރާ މީހާ އެވެ.

އެސްޓްރޮނޯޓަކަށް ވާން ބޭނުންތޯ އެހުމުން އެޑަމް ބުނީ "އަހަރެންގެ ހުރީ މަދު ކަށިތަކެއް" ކަމަށާއި އެހެންވެ "ބިމުގައި ހުރެގެން އުޅަނދުފަހަރު ކޮންޓްރޯލްކުރާނީ" ކަމަށެވެ.

އެޑަމަށް ތައުރީފުކުރަމުން އިނގިރޭސި އޮސްޓްރޮނޯޓް ޓިމް ޕީކީ ވަނީ އަކީ އޭނާ "ސުޕަސްޓާރެއް" ގޮތަށް ސިފަކޮށްފަ އެވެ. އަދި އެފަދަ ވާހަކަތައް ތުއްތު ކުދިން ދެއްކުމުން ހިތަށް އުފާވެރިކަން ލިބޭ ކަމަށް ބުންޏެވެ.

ޓީވީ ޝޯގައި ލޯބިލޯބި ތުއްތު ކުއްޖާ ދެއްކި ވާހަކަތަކާ ގުޅިގެން އާންމުންގެ ލޯބި ވެސް ވަނީ އޭނާ އަށް އޮހެން ފަށައިފަ އެވެ. އަދި އެޑަމް އަށް ދުޅެހެޔޮ ސިއްހަތަކަށް އެދޭ ކަމަށާއި އެ މީހުންގެ ހެޔޮދުއާތައް އަބަދުވެސް އޭނާއާ އެކީގައި ވާނެ ކަމަށް ބުނެފައިވެ އެވެ.