ކޮވިޑުގެ ބިރަށް ލަންކާގެ ޖަލެއްގައި ހިންގި ހަމަނުޖެހުމެއްގައި ހަ މަރު
ކޮވިޑުގެ ބިރަށް ލަންކާގެ ޖަލެއްގައި ހިންގި ހަމަނުޖެހުމެއްގައި ހަ މަރު

ކޮލަމްބޯ (ނޮވެމްބަރު 30) - ކޮރޯނާވައިރަސް ފެތުރެމުން ދިޔަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ ކަމަށް ބުނެ ސްރީ ލަންކާގެ ޖަލެއްގައި ހިންގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ހަ މީހުން މަރުވެއްޖެ އެވެ.

އޮފިޝަލުން ބުނީ ގައިދީން ހަމަނުޖެހުން ހިންގަން ފެށީ ކޮރޯނާވައިރަސް ފެތުރޭތީ، ޖަލުތަކުން މީހުން މަދުކުރުމަށް ގޮވާލުމަށް ފަހު ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން އަޖިތު ރޯހަނާ ވިދާޅުވީ މަހާރާ ޖަލުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ގާޑުން ވަނީ "ބާރުގެ ބޭނުންކޮށްފައި" ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ގާޑުން ވަނީ ބަޑިޖަހައި ކަމަށެވެ. ބައެއް މީހުންނާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖަލުގައި ވަނީ އަލިފާން ވެސް ރޯކޮށްފަ އެވެ.

ލަންކާގެ ތޮއްޖެހިފައިވާ ޖަލުތަކުން މިހާތަނަށް ވަނީ ކޮރޯނާވައިރަހުގެ 1،000 ކޭސް ރިޕޯޓްކޮށްފަ އެވެ.

ޑެޕިއުޓީ އިންސްޕެކްޓަރު އަޖިތު ރޯހަނާ ވިދާޅުވީ ޖަލުގެ ހަމަނުޖެހުމުގައި ޒަޚަމްވި މީހުން ވަނީ ރަގަމާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށެވެ. އޭނާ ވިދާޅުވީ ޕޮލިސް ކޮމާންޑޯއިންގެ އެލީޓް ޓީމަކުން މިހާރު ދަނީ ޖަލުގެ ސަރަހައްދު ބަލަހައްޓަމުން ކަމަށެވެ.

ލަންކާގެ ޖަލުތަކުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ މީގެ ކުރިން ވެސް ވަނީ ހަމަނުޖެހުންތައް ހިންގައިފަ އެވެ. ކޮލަމްބޯގެ ވެލިކަޑަ ޖަލުގައި ވެސް ދާދި ފަހުން ބަޔަކު ވަނީ ޖަލުގެ ފުރާޅަށް އަރައި ހަމަނުޖެހުން ހިންގައިފަ އެވެ. އަގުނަކޮލަޕަލަސާ ޖަލުގައި ގައިދީންތަކެއް ވަނީ އަށް ދުވަސް ވަންދެން އިހްތިޖާޖްކޮށްފަ އެވެ. އެ ޖަލުގައި ހަމަނުޖެހުން ހިންގާފައި ވަނީ ޖަލުގެ ހާލަތު ގޯސްވަމުންދާ ކަމަށް ބުނެ އެވެ.

ލަންކާ އިން މިހާތަނަށް ވަނީ 23,484 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 116 މީހުން މަރުވެފަ އެވެ.