30 ނޮވެމްބަރ 2020 - 15:12

ބޮޑެތި މަސައްކަތްތަކަށް ދޫކޮށްފައިވާ ބަންޑާރަ ބިންތަކުގެ ކުލި މާދަމާއިން ފެށިގެން ބަލައިގަންނާނީ ކައުންސިލްތަކުން ކަމަށް މީރާއިން ބުނެފި އެވެ.
އެ އިދާރާ އިން ނެރުނު އިއުލާނެއްގައި ބުނީ މިގޮތަށް ހަމަޖެއްސީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" އަށް ގެނައި އަށް ވަނަ އިސްލާހާ އެކު، ބަންޑާރަ ބިމުން ލިބޭ ފައިސާ އަކީ ކައުންސިލަށް ލިބެން ޖެހޭ އެއްޗެއްގެ ގޮތުގައި ކަނޑައަޅާފައި ވާތީ އެވެ.
އެހެންވެ، އެލްޖީއޭގެ ލަފަޔާ އެކު މާދަމާއިން ފެށިގެން އެ އިދާރާއިން އެ ކުލިތައް ބަލައިގަތުން ހުއްޓާލާން ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މީރާއިން ނަގަމުން އައި ބިމުގެ ކުލި މާދަމާ އިން ފެށިގެން ދައްކަން ޖެހޭނީ އެ ބިމެއް ހުންނަ ރަށެއްގެ ރަށު ކައުންސިލަށެވެ. މިއީ ރަށު ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ގެނައި ބަދަލެކެވެ.