30 ނޮވެމްބަރ 2020 - 13:00

އެމްޕީއެލްގެ ޗެއާމަންގެ މަގާމުން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވާފައިވާކަން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް އޭގެ ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.
ޒަކީ އިސްތިއުފާ މި ދެއްވީ އެމްޕީއެލުގައި 8 މިލިއަން ރުފިޔާގެ ވައްކަމެއް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވިތާ ފަސް ދުވަސް ފަހުންނެވެ. އޭނާ މިދިޔަ ބުދަދުވަހު ކުރެއްވި ޓުވީޓުގައި ވަނީ، ހިޔާނާތުގައި ޝާމިލްވި ފަރާތްތައް ސަސްޕެންޑް ކުރަން ބޯޑު މެމްބަރުންގެ އަގުލަބިއްޔަތު ނުލިބުނު ކަމަށް ވިދާޅުވެ، ހިތާމަ ފާޅުކުރައްވައިފަ އެވެ.
އެކަމަކު އެ ޓްވީޓަށް ފަހު ބުރާސްފަތިދުވަހު އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނީ އެ ހިޔާނާތުގައި ތުހުމަތުކުރެވޭ މުވައްޒަފުން ވަޒީފާ އިން އެކަހެރިކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ މިހާރު ވަނީ އޭސީސީ އާއި ފުލުހުންގެ އިތުރުން އޮޑިޓަ ޖެނެރަލް އަށް ވެސް ހުށަހަޅާފައިވާ ކަމަށް، އެމްޕީއެލްގެ ބަޔާނުގައިވެ އެވެ.
އެމްޕީއެލްގެ ޗެއާމަން ކަމަށް، ޒަކީ އައްޔަންކުރީ ފެބްރުއަރީ 19، 2019 ގަ އެވެ.