އިސްލާމިކް މިނިސްޓްރީގެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އިސްލާމިކް މިނިސްޓްރީގެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރާ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެ މިނިސްޓްރީން ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަން އެޗްޕީއޭއިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ނުބުނެ އެވެ.

"މިހާރު" ން ތަކުރާރުކޮށް ގުޅައި، މެސެޖު ކުރުމުން ވެސް އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވަކި ޖަވާބެއް ނުދެއްވި އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މިނިސްޓްރީގެ 11 މުވައްޒަފަކު އިއްޔެއާ ހަމައަށް ކޮވިޑަށް ޕޮޮޒިޓިވްވެފައި ވެ އެވެ. އެ އަދަދު މިހާރު 14 އަށް އަރާފައިވާ ކަމަށް ވެ އެވެ.

މިކަމާ ގުޅޭ ހަގީގަތް އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އިސްލާމިކް މިނިސްޓްރީން ކޮވިޑުގެ ފުރަތަމަ ކޭސް ފެނުނީ މީގެ ދެ ހަފުތާ ކުރިންނެވެ.

"އަދިވެސް ކޭސްތައް ފެންނަމުން ދަނީ. އިއްޔެ ވެސް ދެ ކޭސް ފެނުނު،" އޭނާ ބުންޏެވެ.

"މިޑް މެނޭޖްމަންޓުން ގިނަ މީހުން މިހާރު ނުވެސް ނުކުމޭ އޮފީހަށް. މަސައްކަތު މީހުން ފެށިގެން މެނޭޖްމަންޓު ލެވެލް އަށް ގޮސް އެ މީހުންގެެ އާއިލާ އިން ވެސް ޕޮޒިޓިވް ކޭސްތައް ފެނިއްޖެ."

އިސްލާމިކް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވް ނަމަވެސް އެ މިނިސްޓްރީގެ މުވައްޒަފުން ބަރާބަރަށް އޮފީހަށް ނުކުމެ މަސައްކަތް ކުރެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުުސްމާން "މިހާރު" އަށް ވިދާޅުވީ އެ މިނިސްޓްރީން އަމަލުކުރަނީ އެޗްޕީއޭ އިން އަންގާފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށެވެ. އޭގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންނަށް ލިޔުން ފޮނުވައި، ކަރަންޓީން ކޮށްފައިވާ ކަމަށާއި އިތުރު މީހުން ވަޒީފާ އަށް ނެރެ މަސައްކަތް ކުރުވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޕީއޭއިން ބުނެފައި ވެ އެވެ.