03 ނޮވެމްބަރ 2016 - 12:01

ރާއްޖޭގައި ޒިކާގެ ނުރައްކާ އެބަ އޮތް ކަމަށާއި އެހެންވެ ކުރިއަށް އޮތް ތިން މަސް ދުވަހު ރާއްޖެ އަށް ނާންނަން ޗައިނާ މީހުންނަށް އެ ގައުމުގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ސުޕަވިޒަން، އިންސްޕެކްޝަން އެންޑް ކަރަންޓީން (ޖީއޭއެސްއައިކިއު) އިން އިންޒާރު ދީފި އެވެ.
ޖީއޭއެސްއައިކިއު އާ ހަވާލާދީ ޗައިނާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި އިންޒާރުގެ ނޯޓިސް ނެރެފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއިން މި ފަދަ އިންޒާރެއް ނެރެފައި މި ވަނީ ޒިކާ ވައިރަސް އުޅޭ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ސެޕްޓެމްބަރު މަހު 29 ވަނަ ދުވަހު ހިމަނާފައި ވަނިކޮށެވެ.
ރާއްޖެއަށް ދަތުރުކުރާ ނަމަ، މަދިރި ނުހަފާނެ ފަދަ ގޮތަކަށް ހެދުން އެޅުމަށް ޖީއޭއެސްއައިކިއު އިން ވަނީ އިލްތިމާސްކޮށްފަ އެވެ. ޒިކާ އަކީ މާބަނޑު މީހުންނަށް ނުރައްކާތެރި ވައިރަސްއަކަށް ވުމުން މާބަނޑު މީހުން ރާއްޖެ އަދި ޒިކާ އުޅޭ ކަމަށް ބެލެވޭ އެހެން ގައުމުތަކަށް ނުދިއުމަށް ވެސް އިންޒާރުގައިވެ އެވެ.
ރާއްޖޭގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން ޒިކާއަށް ޓެސްޓުކޮށްފައި ވާއިރު އެ ބަލި ފެނިފައެއް ނުވެ އެވެ. ނަމަވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ދެ މީހެއްގެ ގައިން ޒިކާ ވައިރަސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ މީހުންނަށް ޒިކާ ޖެހުނީ ރާއްޖޭގައި އުޅެނިކޮށް ކަމެއް ނޭނގެ އެވެ.
މިދިޔަ ފަސް އަހަރު ވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިން ކަމަށް ވިޔަސް މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުގެ އަދަދު 13 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ. ޗައިނާގެ އިންޒާރުގެ ސަބަބުން ޓޫރިސްޓުންގެ އަދަދު ދަށްވެގެން ދާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ލަފާ ކުރެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން މިދިޔަ އޮގަސްޓްމަހު ބުނެފައި ވަނީ ޑެންގީ ޖައްސާ މަދިރީގެ ޒަރިއްޔާ އިން ފެތުރޭ، ޑެންޑީ ޖެހުމުން ފެންނަ ފަދަ އަލާމާތްތަކެއް ފެންނަ ޒިކާ ރާއްޖޭގައި އުޅޭކަން މިހާތަނަށް ކުރި ޓެސްޓުތަކުން ނުދައްކާ ކަމަށެވެ. ނަމަވެސް ދިވެހިން އާންމުކޮށް ޒިޔާރަތްކުރާ ގައުމަކުން ޒިކާ ފެނިފައިވާތީ، މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ.