30 ނޮވެމްބަރ 2020 - 11:31

ފެނަކައިގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފައިދާވެފައިވާ ކަމަށް އެ ކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އެ ކުންފުނީގެ އޮޑިޓް ރިޕޯޓު ދައްކާގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 35.9 މިލިއަން ރުފިޔާ ލިބިފަ އެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް 2018 ވަނަ އަހަރު ވެސް އެ ކުންފުންޏަށް ވަނީ ގެއްލުން ވެފަ އެވެ. އެގޮތުން، 2018 ވަނަ އަހަރު އެ ކުންފުންޏަށް 143 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކަ އެވެ.
ފެނަކައިން ނެރުނު ބަޔާނުގައި ބުނީ މި ކާމިޔާބިއަކީ އެ ކުންފުނީގައި މަސައްކަތްކުރާ ތަޖުރިބާކާރު މުވައްޒަފުންގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ކުންފުނި ހިންގުމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ގެންނެވި ބަދަލުތަކުގެ ސަބަބުން ލިބުނު ކާމިޔަބީއެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސަރުކާރު ހިއްސާވާ ކުންފުންޏަކުން ދައްކުވައިދިން އެންމެ ބޮޑު ތަފާތު ބޮޑު ބަދަލު ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން މި ނަތީޖާއިން ދައްކުވައިދެނީ ވައްކަމާއި ފަސާދަ އާއި ކޮރަޕްޝަނާއި އިސްރާފުން ކުންފުނި ސަލާމަތްކޮށް މިހާރު ކުންފުނީގައި ނަޒާހަތްތެރިކަން އޮތް މިންވަރު ކަމަށް ފެނަކައިން ބުންޏެވެ. އަދި މިއީ ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުންޏާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް މަސައްކަތްކުރާ މީހުންނަށް ލިބުނު ރަނގަޅު ޖަވާބެއް ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"18 ޖޫން 2012 ވަނަ ދުވަހު ވުޖޫދުވުމަށްފަހު 2018 ވަނަ އަހަރުގެ ނިޔަލަށް މާލީ ގޮތުންނާއި އުމްރާނީ ގޮތުންނާއި ހިންގުމުގެ ގޮތުން އަދި އިޖްތިމާއީ ގޮތުން ލަދުވެތި ހާލަތެއްގައި ހިންގަމުން އައި ކުންފުންޏެއް މިއަދު އެ ދާއިރާތަކުން މި ހޯދި ކާމިޔާބަކީ ދިވެހި ތާރީހުގައި ސަރުކާރު ހިއްސާވާ ކުންފުންޏަކުން ދައްކުވައިދިން އެންމެ ތަފާތުބޮޑު ބަދަލުކަމީ ދެބަސްވެވެން ނެތް ހަގީގަތެއް،" ފެނަކައިގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފެނަކައިން ވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު، ދެގޮތެއްނުވެ ދެމިތިބުމަށާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރާ މަސައްކަތްތައް މަޑުޖެހުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަގީން ކަން ވެސް ދީފަ އެވެ.