ފްލައިން ސްކޫލުގެ "ބޭއިންސާފު" ހުއްޓުވައި ހައްލު ހޯދަނީ
ފްލައިން ސްކޫލުގެ "ބޭއިންސާފު" ހުއްޓުވައި ހައްލު ހޯދަނީ

ޕައިލެޓުން ތަމްރީންކުރާ އައްޑޫގެ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންނާ ދޭތެރޭގައި ބޭއިންސާފުން އަމަލުކުރުން ބަލައިނުގަންނަ ކަމަށާއި އެއްފަހަރާ ގިނަ އަދަދެއްގެ ދަރިވަރުން ވަކިކުރި މައްސަލައިގައި ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ރޭ ބުނެފި އެވެ.

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ބޮޑު އަގު ނަގައިގެން ހިންގާ ފްލައިން ސްކޫލުގެ ސްކޫލުގެ 15 ދަރިވަރަކު ކުއްލި ގޮތަށް ވަނީ ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ކޯސް ފުރިހަމަ ކުރުމުގެ އެންމެ ފަހު މަރުހަލާގައި ތިބި ކުދިން ވެސް ހިމެނެ އެވެ.

ދަރިވަރުން ވަކިކުރަން ނޯޓިސް ދިނީ އެކަކު ބުނިގޮތުގައި އެ ބުނާ މުއްދަތުގައި ފުރިހަމަ ނުކުރެވޭނެ ޝަރުތުތަކެއް ކުރިމަތި ކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި ވަކި މުއްދަތެއްގައި ފައިސާ ދެއްކުމާއި ކޯސް ނިންމުން ފަދަ ކަންކަން ހިމެނޭ ކަމަށް ބުންޏެވެ. މީގެ އިތުރުން ބައެއް އެހެން މައްސަލަތަކާ ގުޅުވައި ވެސް ދަރިވަރުންނަށް ނޯޓިސް ދީފައިވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފްލައިން ސްކޫލުން ދަރިވަރުން ވަކިކުރަމުންދާ މައްސަލަ އެ މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އެ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނިގޮތުގައި ސްކޫލުގެ މެނޭޖްމަންޓާ ބައްދަލުކުރުމުގެ އިތުރުން ފްލައިން ސްކޫލުގެ އޮޑިޓެއް ވެސް ވަނީ ކޮށްފަ އެވެ. ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް އެ އޮޑިޓުން ވެސް ފާހަގަވެފައިވާތީ ހައްލުކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމުގެ ޔަގީންކަން ދިނެވެ.

"ސްކޫލުން ވަކިކުރަމުންދާ ދަރިވަރުންގެ މައްސަލަ ވެސް ތަހުގީގީ ނަޒަރަކުން ބަލަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ދަރިވަރުން ވަކިކުރުމުގައި ގަވާއިދުތަކާއި އުސޫލާ ޚިލާފު ކަމެއް ހިންގާފައިވާ ނަމަ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށެވެ.

"މި މިނިސްޓްރީ އާއި ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ އަމާޒަކީ ދިވެހިރާއްޖޭގައި އޭވިއޭޝަން ދާއިރާއިން ތައުލީމާއި ތަމްރީން ފޯރުކޮށްދޭ ފަރާތްތަކުގެ ކިބައިން ދިވެހި ދަރިވަރުންނަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުމެވެ. އައްޑޫ ފްލައިން ސްކޫލްގެ މައްސަލަ ހައްލުކުރުމުގައި ވެސް އަމަލުކުރަމުންދާނީ މި ދެންނެވި މަގްސަދު އަމާޒަކަށް ހަދައިގެން ކަމުގައި ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.

ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންނާ މެދު އަމަލުކުރަމުން ދަނީ ބޭއިންސާފުން ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފަ އެވެ. މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން ދަނިކޮށް، އެ ދަރިވަރުންނާ މެދު ބޭއިންސާފުން އަމަލު ކޮށްފައިވާތީ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ފްލައިން ސްކޫލުން އަނެއްކާވެސް ދަރިވަރުންތަކެއް މި ވަކިކުރީ، އެތަނުގެ ގިނަ މައްސަލަތަކަކާ ހެދި ސަރުކާރުން އެތަނަށް ފިޔަވަޅު އަޅާފައި ވަނިކޮށެވެ. ފްލައިން ސްކޫލްގެ ދަރިވަރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރަމުންދާތާ ގިނަ ދުވަސްތަކެެއް ވަނީ ވެފަ އެވެ.