ސްޓްރޯކެއް ޖެހިގެން ރާހުލް ރޯއި އަށް ފަރުވާ ދެނީ
ސްޓްރޯކެއް ޖެހިގެން ރާހުލް ރޯއި އަށް ފަރުވާ ދެނީ

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "އާޝިގީ" ކުޅެގެން މަޝްހޫރުވި އެކްޓަރު ރާހުލް ރޯއި އަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.

ސްޓްރޯކެއް ޖެހިގެން ރާހުލް ރޯއި އަށް ފަރުވާ ދެނީ
ސްޓްރޯކެއް ޖެހިގެން ރާހުލް ރޯއި އަށް ފަރުވާ ދެނީ

މީޑިއާތަކުން ބުނި ގޮތުގައި 52 އަހަރުގެ އެކްޓަރަކަށް ސްޓްރޯކެއް ޖެހުނީ ކަރްގިލްގައި "އެލްއޭސީ: ލިވް ދަ ބެޓްލް އިން ކަރްގިލް" ކިޔާ ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް އާދީއްތަ ދުވަހު އެވެ. އެތަނުގެ މޫސުން މި ދުވަސްކޮޅު ވަރަށް ފިންޏެވެ. ރިޕޯޓްތައް ބުނާގޮތުން ރާހުލް އަށް ސްޓްރޯކެއް ޖެހުނީ މޫސުމުގެ ސަބަބުންނެވެ. އަދި ވަގުތުން އޭނާގެ ކަޝްމީރުގެ ސްރީނަގަރަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ.

ފަހުން ހެލިކޮޕްޓަރެއްގައި އިމަޖެންސީގައި މުމްބާއީ އަށް ގެންގޮސް ރާހުލް އަށް މި ވަގުތު ފަރުވާ ދެމުން އަންނަނީ މުމްބާއީގެ ނަނާވަތީ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. އެކަމަކު މިހާރު އޭނާގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވެފައިވާ ކަމަށް އާއިލާގެ މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުންޏެވެ.

ކަރްގިލް އަށް ރާހުލް ޝޫޓިން އަށް ދިޔައީ 17 ދުވަހުގެ ޝެޑިއުލަކަށެވެ. އެ ފިލްމުގެ ޓީމްގެ މީހަކާ ހަވާލާދީ މީޑިއާތަކުން ބުނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ރާހުލް އުޅުނީ ގަދަފިނީގެ ސަބަބުން ތަންކޮޅެއް ބަލިކޮށް ކަމަށެވެ.

އޭނާ ޝޫޓްކުރަމުން ދިޔަ ފިލްމު "އެލްއޭސީ: ލިވް ދަ ބެޓްލް އިން ކަރްގިލް" އަކީ ޑިޖިޓަލް ޕްލެޓްފޯމަކަށް ހަދާ ފިލްމެކެވެ. މީގެ ކާސްޓްގައި ކަލާޒުން މިހާރު ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް 14" ގައި ވާދަކޮށް ކަޓައިގެން ގޮސްފައިވާ ޓީވީ އެކްޓަރު ނިޝާންތު ސިންގް މަލްކާނީ ވެސް ހިމެނެ އެވެ.

މަހޭޝް ބަޓް 1990 ގައި ގެނެސްދިން "އާޝިގީ" ކުޅެގެން ރާހުލް ވަރަށް ބޮޑަށް މަޝްހޫރުވި ނަމަވެސް އޭނާގެ ތަރި ވަރަށް އަވަހަށް އޮއްސިގެން ދިޔަ އެވެ. ރާހުލް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޖުނޫން" އާއި "ގުމްރާހް" އާއި "މަޖްދާރު" އާއި "ޕެހެލާ ނަޝާ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ރާހުލް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ޒީ5 އިން ސްޓްރީމްކުރި "ކެބަރޭ" އިންނެވެ. ރާހުލް އަކީ "ބިގް ބޮސް" ގެ ސީޒަން އެކެއްގައި 2006 ގައި ވާދަކޮށް އެ ޝޯ ކާމިޔާބު ވެސް ކޮށްފައިވާ ފަންނާނެކެވެ.