30 ނޮވެމްބަރ 2020 - 07:46

ގިނަ ބައެއްގެ މެދުގައި މަގުބޫލު އޮންލައިން ގޭމް "ފޯޓްނައިޓް" އިން މަހު ފީ ދައްކާ ގޮތަށް "ފޯޓްނައިޓް ކްރޫ" ގެ ނަމުގައި އާ ހިދުމަތެއް ދޭން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
އަންނަ މަހުގެ 2 ގައި "ފޯޓްނައިޓް ކްރޫ" ލޯންޗްކުރާނެ އެވެ. އެއީ ފޯޓްނައިޓްގެ ސީޒަން ފަހެއްގެ ޗެޕްޓާ 2 ވެސް ނެރެން ހަމަޖެހިފައިވާ ތާރީހެވެ. "ފޯޓްނައިޓް ކްރޫ" ގެ މަހު ފީ އަކީ 12 ޑޮލަރު (184.80ރ.) އެވެ.
"ފޯޓްނައިޓް ކްރޫ" އާ ބެހޭ ގޮތުން، އެ ގޭމް ނެރޭ އެޕިކް ގޭމްސް އިން ބުނީ ގޭމް ސަކްބްސްކްރިޕްޝަނަށް ހުޅުވައިލަން ނިންމީ މި ފަހަކަށް އައިސް އެ ގޮތަށް އެކި ޕްލެޓްފޯމްތަކުގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުން ދިއުމާއި ވަރަށް ގިނަ ބަޔަކު މިހާރު ސަބްރިޕްޝަން ސާވިސްތަކަށް ބަރޯސާވާތީ ކަމަށެވެ.
ފޯޓްނައިޓް ކުޅޭ މީހުންގެ ފަރާތުން ވެސް އެފަދަ ހިދުމަތަކަށް ޑިމާންޑްކުރަމުން އަންނަ ކަމަށް ބުންޏެވެ.
"ފޯޓްނައިޓް ކްރޫ" އަށް ސަބްސްކްރައިބްވާ މީހުންނަށް ކޮމްޕްލިމަންޓަރީ ބެޓްލްސް ފާސްތަކާ އެކު 1،000 ވީ-ބަކްސް އާއި އިމް-ގޭމް ކޮސްޓިއުމް ވެސް ލިބޭނެ އެވެ.
"ގިނަ ކޮސްޓިއުމްތަކާ އެކު މަދުވެގެން އާ ގޭމެއްގެ މެޗް އެކްސަސަރީޒް ލިބޭނެ،" އެޕިކުން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި ކޮންމެ މަހަކު އާ އައުޓްފިޓްތަކާ އެކު، ގޭމް ކުޅެން ބޭނުންވާ އިތުރު ވަސީލަތްތައް ހޯދޭ ގޮތަށް ޑިޖިޓަލް ކަރަންސީ ވެސް ލިބެމުން ދާނެ އެވެ.
"ފޯޓްނައިޓް" އަކީ މީގެ ތިން އަހަރު ކުރިން 2017 ގައި ވުޖޫދަށް އައި ގޭމެކެވެ. އެ ގޭމް ކުޅޭ މީހުންގެ އަދަދު 350 މިލިއަނަށް ވުރެ މިހާރު ގިނަ އެވެ.