29 ނޮވެމްބަރ 2020 - 15:26

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވޯލްޑް ބޭންކުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފެރިސް ހަޑާޑް ޒާވޮސް އަދި ކަންޓްރީ މެނޭޖަރު ޝިއޯ ކަންޑާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ވޯލްޑް ބޭންކުން ރާއްޖެ އަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި ރައީސް ވަނީ ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން، ފާއިތުވި 45 އަހަރު ތެރޭގައި މެދުކެނޑުމެއް ނެތި ވަމުން އަންނަ އެހީ އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ކޮވިޑް-19ގެ މި ދުވަސްވަރު ވޯލްޑު ބޭންކުގެ އެއްބާރުލުން ކުރިއަށް ވުރެ ބޮޑަށް ބޭނުންވެފައިވާ ކަމަށް ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަށް ދިމާވި ދަތިކަމުގައި އެހީވި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ތެރޭގައި ވޯލްޑް ބޭންކު ހިމެނެ އެވެ.
ވޯލްޑު ބޭންކުން ވަނީ މިހާތަނަށް ރާއްޖޭގައި 32 ޕްރޮޖެކްޓަކަށް 295 މިލިއަން ޑޮލަރު (4.5 ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ. މީގެ ތެރޭގައި ޕަބްލިކް ފައިނޭންސިން އާއި އިޔާދަކުރަނިވި ހަކަތައިގެ ޕްރޮކްޓުތަކާއި މަސްވެރިކަމުގެ ދާއިރާ އާއި ތައުލީމީ ދާއިރާ ކުރިއެރުވުމަށް ހިންގާ ޕްރޮޖެކްޓުތައް ހިމެނެ އެވެ.