ވަރުގަދަ ކެމްޕެއިނެއް: ދަގަނޑޭ އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްފި
ވަރުގަދަ ކެމްޕެއިނެއް: ދަގަނޑޭ އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްފި

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖް ސަޕޯޓަރުންގެ ވަރުގަދަ ކެމްޕެއިންތަކާ އެކު ކާމިޔާބު ކޮށްފި އެވެ.

ވަރުގަދަ ކެމްޕެއިނެއް: ދަގަނޑޭ އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްފި
ވަރުގަދަ ކެމްޕެއިނެއް: ދަގަނޑޭ އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްފި

ދަގަނޑޭގެ ފަރާތުން ވާދަކުރާ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގެ ޖާޒީގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. އެ ގޯލް ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ވެސް ހޮވިފަ އެވެ. މިއާ އެކު މި ގޯލު މި ވެފައިވަނީ މި ދިޔަ ހަ ވަރަކަށް މަސް ތެރޭ ސަޕޯޓަރުންގެ ވޯޓުން އޭއެފްސީގެ ދެ ވޯޓިން ޕޯލެއްގައި އެންމެ ކުރި ހޯދައިފަ އެވެ. ދެ ފަހަރު ވެސް ދަގަނޑޭ އަށް ކުރި ހޯދައިދޭން ސަޕޯޓަރުން ވަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްފަ އެވެ.

ބްރެކެޓް ޗެލެންޖްގެ ފައިނަލުގައި ދަގަނޑޭ ވާދަކުރީ ހޮން ކޮންގުގެ ޗަން ސިއު ކީއާ އެވެ. ބްރެކެޓް ޗެލެންޖްގައި ވާދަކުރަން ހޮވާފައިވާ ޗަންގެ ގޯލަކީ އޭނާ ސައުތު ޗައިނާ އަށް ކުޅެމުން މެލޭޝިއާގެ ޕަހާންގް ކޮޅަށް ޖަހާފައިވާ ގޯލެވެ. މިދިޔަ ބުރާސްފަތި ދުވަހު ވޯޓުލުން ފެށުމާ އެކު ދަގަނޑޭ ވަނީ ބޮޑު ލީޑެއް ނަގައިފަ އެވެ. އަދި އެ ލީޑުގައި މާ ބޮޑަށް ފަހަތަށް ނުގޮސް ދަގަނޑޭ ވަނީ ފައިނަލުން މޮޅުވެފަ އެވެ. ވޯޓުލުން ނިމުނުއިރު ދަގަނޑޭ އަށް 89.14 ޕަސެންޓް ވޯޓު ލިބުނުއިރު، ކީ އަށް ލިބުނީ 10.86 ޕަސެންޓް އެވެ.

ބްރެކެޓް ޗެލެންކް ފެށި ފަހުން ދަގަނޑޭ ވަނީ ކުވޭތު އެސްސީގެ ރޮޖެރީނިއޯ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ސޮހޭލް ރާނާގެ އިތުރުން ކުއާޓާ ފައިނަލުގައި ވަނީ ހަނޯއިގެ ގުޔެން ވެން ޔުޔެޓް އަދި ސެމީ ފައިނަލުގައި ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާންގެ މައްޗަށް ކުރިހޯދައިފަ އެވެ. މީގެ ތެރެއިން ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ދަގަނޑޭ އަށް ވޯޓުގައި ކުރި ލިބެނީ އެންމެ ފަހު ވަގުތާ ހަމަޔަށް ސަޕޯޓަރުން ކެނޑިނޭޅި ކުރި މަސައްކަތުންނެވެ. އެ ދެ ބުރުގައި ދަގަނޑޭ އަށް ދެ ލައްކަ އަށް ވުރެން ގިނަ ވޯޓު ލިބިފައިވާ ކަމަށް އޭއެފްސީން ވަނީ ބުނެފަ އެވެ.

ދަގަނޑޭ އަށް ރަނގަޅު ކާމިޔާބެއް ހޯދައިދިނުމުގައި ކުރިމަތިވާ ކޮންމެ ޗެލެންޖެއްގައި ވެސް ދިވެހި ފުޓްބޯޅަ ސަޕޯޓަރުން ވަނީ ތަފާތު ރޫހެއް ދައްކައިފަ އެވެ. މި ބްރެކެޓް ޗެލެންޖަކީ ވެސް އޭގެ އެއް މިސާލެކެވެ. އެކި ދާއިރާތަކުގެ ދިވެހިން ވެސް މި ކަމުގައި ބައިވެރިވެ އަމިއްލަ ހައިސިއްޔަތުންނާއި ކްލަބް ޖަމިއްޔާތައް ބައިވެރިވެގެން ކުރެވޭނެ މަސައްކަތްތައް ކުރި އެވެ. އޮންލައިން ވޯޓެއް ކަމަށްވާތީ ގިނަ މަސައްކަތްތައް އޮތީ ސޯޝަލް މީޑިއާގައި ޓްރެންޑަކަށްވެފަ އެވެ.

އެ ގޮތުން ސެމީ ފައިނަލުން ދަގަނޑޭ މޮޅުކޮށްދޭން މަސައްކަތްކުރުމުގެ ގޮތުން ކޮމިއުނިޓީ ވައިބަ ގްރޫޕެއް ވެސް ހަދައި ފޯރީގައި މަސައްކަތްތައް ކުރިއަށް ގެންދިޔަ އެވެ. އަދި ފައިނަލުގައި ދަގަނޑޭ އަށް ވޯޓު ހޯދައިދޭން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ވެސް ވަނީ ހަރަކާތްތަކެއް ރާވައިފަ އެވެ.

ބްރެކެޓް ޗެލެންޖްގައި ވާދަކުރާ އެ ގޯލަކީ ޕާސިބޯ އަތުން 7-0 އިން ރާއްޖޭގެ ނިއު މޮޅުވި މެޗުގައި ދަގަނޑޭ ޖެހި ފަސް ގޯލުގެ ތެރެއިން، ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ޖެހި ގޯލެވެ. އިންޑޮނީޝިއާގެ ސުރަކަރްޓާގައި ބޯވާރޭގެ ތެރޭގައި ކުޅުނު އެ މެޗުގައި މުހައްމަދު އުމެއިރަށް މެދުތެރެއިން އެ ބޯޅަ ލިބުމާ، ދަގަނޑޭ، އޭނާ އަށް ލޯ އަޅަމުން ދިޔަ ޕާސިބޯގެ ޑިފެންޑަރު، ކައިރިން ކުރިއަށް ދެމިގަތުމާ ދެމެދު ސިކުންތެއް ވެސް ނުހިނގަ އެވެ. އެއާ އެކު އުމެއިރު ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ދަގަނޑޭ އަށް ބޯޅަ ފޯރުކޮށްދިނީ އެވެ. ދަގަނޑޭ ބޯޅަ ހިފައިގެން އެ ދިޔަ ބާރުމިނުގައި ގޮސް ބޮޑު އޭރިއާ މަތިން ކީޕަރު ކައިރިން ދެމި ގަތް ވަގުތު، އޭނާ ފަހަތުން އައި ޑިފެންޑަރު ދަގަނޑޭ ކުރިއަށް އަރައި ޖާގަ ބައްދާލި އެވެ. ދަގަނޑޭ ފަސޭހަކަމާ އެކު އޭނާ ކައިރިން ނައްޓާލައި ގޯލަށް ބޯޅަ ފޮނުވާލަނެ ޖާގަ ހޯދި އެވެ. އެކަމަކު، އޭރު އަނެއްކާ ވެސް ކީޕަރު އަރާ ހުރުމާ އެކު ދަގަނޑޭ މަޑުމަޑުން އަރިމައްޗަށް ޖެހެންޖެހުމުން ގޮސް ކީޕަރަށް އޮޅުވާލައި އޭނާ ލައްވާ ޑައިވެއްކުރުވި އެވެ. އަދި މިސްރާބު ބަދަލުކޮށްލައި ރަނގަޅަށް ވާތު ފަޔަށް ބޯޅަ ހެޔޮވަރުކޮށްލައި ގޯލުގައި ބޯޅަ ތަތްކޮށްލީ، ތިން ފަހަރަށް ތެދުވި ކީޕަރަށާއި ގޯލް ރޮނގު ބަލަހައްޓަން އެރި ޑިފެންޑަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ. މިއީ ދަގަނޑޭ ކެރިއަރުގައި ޖެހި ހާއްސަ ގޯލުތަކުގެ ތެެރެއިން އެއް ގޯލެވެ.

ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އެއީ ކްލަބް ވެލެންސިއާ، ނިއު އަދި ވީބީ އައްޑޫ އެފްސީ އަށް ޖަހައިދިން 29 ގޯލާ އެކު އެވެ. އެއް ވަނައިގައި އޮތީ 35 ގޯލް ޖަހާފައިވާ ފިލިޕީންސްގެ ސެރެސް-ނެގްރޯސް އަށް ކުޅުނު ސްޕެއިނުގެ ބިއެންވެނިޑޯ މަރަނޯން އެވެ. ލިސްޓުގެ އެއް ވަނަ އަށް އަރަން ދަގަނޑޭ އަށް ބޭނުންވަނީ ހަ ގޯލެވެ. މިދިޔަ ސީޒަނުގެ އޭއެފްސީ ކަޕާ ދިމާކޮށް ދަގަނޑޭ ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެފަ އެވެ. ޓީސީއާ އެކު އޭއެފްސީ ކަޕްގައި އެއް މެޗު ކުޅެފައި ވަނިކޮށް ކޮވިޑް-19އާ ހެދި މުބާރާތް ކުރިއަށްގެންދެވޭނެ ގޮތެއް ނުފެނިގެން އެންމެ ފަހުން އޭއެފްސީން ނިންމީ އެ މުބާރާތް ކެންސަލްކުރުމަށެވެ.