29 ނޮވެމްބަރ 2020 - 13:51

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުން އެ މައްސަލަ ކޯޓަށް ހުށަހަޅަން ވިސްނާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީން ބޭއްވި މީޑިއާ ބްރީފިންއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެ ކޯލިޝަނުން އަންނަނީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައި ހުރި ފިޔަވަޅުތަކާ ގުޅިގެން ކެމްޕެއިންކުރަން ރަށްރަށަށް ދަތުރު ނުކުރެވޭ ކަމަށާއި އެހެންވެ ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ. އަދި ދަތުރުފަތުރު ކުރުމުގައި އޮންނަނީ ހަމަހަމަ އުސޫލެއް ނޫން ކަމަށާއި ސަރުކާރުގެ އިސްވެރިން އެކި މަޝްރޫއުތަކާ ގުޅިގެން އެކި ރަށްރަށަށް ދަތުރުކުރަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް އޮތް ދައްޗަކީ އަޅުގަނޑުމެންނަށް އެއްވެސް ރަށަކަށް ދަތުރެއް ނުކުރެވޭ. ސަރުކާރުން އެކި ނަންނަމުގައި ރަށްރަށަށް އެބަ ދަތުރުކުރޭ، ކުންފުނިތަކުގެ އެމްޑީން، ދައުތަލުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީގުގެ މެމްބަރުން. އެހެންވީމަ ހަމަހަމަ ފުރުސަތެއް ނެތް، ހަމަހަމަ ކަމެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅުމަށް ޓަކައި ގާނޫނީ ޓީމާ އެކު މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކެމްޕޭންކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްވެރިންނަށް ދަތުރުނުކުރެވުނު ނަމަވެސް ރަށްރަށުގައި ކުރަމުން އަންނަ ކެމްޕޭންތައް މެދުނުކެނޑި ފޯރިއާ އެކު ކުރިއަށް ގެންދަން އޭނާ އެދިވަޑައިގަތެވެ. އަދި މޮނިޓަރިންގެ ހާލަތަށް ނުލާ ހުރި ރަށްރަށް ފިޔަވައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭ ކަމާއި އެ ފުރުސަތުގެ ބޭނުންކުރުމަށް ވެސް އެދިވަޑައިގަތެވެ.