29 ނޮވެމްބަރ 2020 - 11:20

ކޮމަންވެލްތުގައި ރާއްޖެ އަލަށް ބައިވެރިވި ފަހުން ބޭއްވި ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ފުރަތަމަ އަހަރީ އާއްމު ޖަލްސާގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.
މި ޖަލްސާގައި ކޮމަންވެލްތުގެ ރިޔާސަތުން ވަނީ ރާއްޖޭގެ އެނބުރި އައުމަށް މަރުހަބާ ކިޔައިފަ އެވެ. މި ޖަލްސާގައި ރާއްޖެ ތަމްސީލްކުރެއްވި، އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސް ސީވީޑް އަހުމަދު ލަތީފް ވިދާޅުވި ގޮތުގައި ކޮމަންވެލްތުން އަލުން ފުރުސަތު ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ އިސްކަންދިން އެއް މަސައްކަތް ކަމަށެވެ. އަދި ކޮމަންވެލްތު އާއިލާގެ ސަޕޯޓާ އެކު އެކަން ހާސިލްކުރެވިގެންދިޔައީ ރެކޯޑް އަވަސް މުއްދަތެއްގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކޮމަންވެލްތުގެ އާއިލާއާ އެކު އަހަރެމެން އަލުން ގުޅުންތައް ފަށައިގަންނައިރު ރާއްޖޭގެ ސްޕޯޓްސްވުމަނުންނާއި ސްޕޯޓްސްމަނުން އަންނަނީ ބާމިންހަމްގައި 2022 ވަނަ އަހަރު އޮންނަ ގޭމްސް އަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ،" އޭނާ ވިދާޅުވި އެވެ.
އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ވިދާޅުވީ 2022 ވަނަ އަހަރުގެ ގޭމްސް އަށް ތައްޔާރުވާން ސީޖީއެފް އިން ރާއްޖޭ އަށް ފަންޑް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މާނައަކީ އަންނަ އަހަރުގެ އޮލިމްޕިކްސް އަށް ފަހު ކޮމަންވެލްތު ގޭމްސްއާ ދެމެދު ލިބޭ އަހަރެއްހާ ދުވަހު ރާއްޖޭގެ އުއްމީދީ އެތުލީޓުންނަށް ތަމްރީން ހެދުމުގެ މަގު ތަނަވަސްވުމެވެ.
ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ މި ޖަމާއާތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. މުޅިއެކު 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 ވަރަަކަށް އެތުލީޓުން ބައިވެރިވެ އެވެ. ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ އެވެ.
ކޮމަންލެވްތުން 2016 ވަނަ އަހަރު ރާއްޖެ ވަކިވާން ނިންމިއިރު، އޮލިމްޕިކް ކޮމިޓީން ދިޔައީ 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ކުރިއަށް ގެންދިޔަ ކޮމަންވެލްތު ގޭމްސް އިން ކާމިޔާބީ ހޯދުމަށް އަމާޒުކޮށް، ޕްލޭންތައް ހަދައި ބައެއް އެތުލީޓުން ތަމްރީންތަކަށް ފޮނުވައިގެން މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކު ސަރުކާރުގެ ނިންމުމާ އެކު ކޮމަންވެލްތުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ އެވެ.
ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުން ރާއްޖޭގެ ކުޅިވަރަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެ އެވެ. އެ ގޮތުން އެތުލީޓުންނާއި ކޯޗުން ތަމްރީނު ކުރުމުގެ ފުރުސަތުތައް ހޯދުމާއި އެކި ޓީމުތަކަށް ކޯޗުން ހޯދުމުގެ މަސައްކަތްތައް ފަދަ ކުޅިވަރަށް ބޭނުންތެރި އެކި ކަންކަމުގައި ކޮމަންވެލްތު ގޭމްސް އިން އެހީވެ އެވެ.
ކޮމަންވެލްތު ގޭމްސް އަކީ ދިވެހި އެތުލީޓުންނަށް އޮލިމްޕިކްސްގެ ކުރިން ދުނިޔޭގެ މަތީ ފަންތީގެ އެތުލީޓުންނާ ވާދަކޮށް ތަޖުރިބާ ހޯދައި އަދި ރާއްޖޭގެ ނިސްބަތުން ކާމިޔާބީ ހޯދުމަށް ލިބޭ ޕްލެޓްފޯމެކެވެ.