ކަރަން ޖޯހަރްގެ ސީރީޒްގެ ނަން "ފެބިއުލަސް ލައިވްސް" އަށް
ކަރަން ޖޯހަރްގެ ސީރީޒްގެ ނަން "ފެބިއުލަސް ލައިވްސް" އަށް

މިދިޔަ ހުކުރު ދުވަހު ނެޓްފްލިކްސް އިން ޕްރިމިއާކުރި ކަރަން ޖޯހަރްގެ ނަން-ފިކްޝަން ސީރީޒް "ދަ ފެބިއުލަސް ލައިވްސް ބޮލީވުޑް ވައިވްސް" ގެ ނަމުގެ މައްސަލާގައި ޑައިރެކްޓަރު މަދޫރް ބަންޑާކަރް ހިތްހަމަނުޖެހުން ފާޅުކުރުމުން ކަރަން މާފަށް އެދި ސީރީޒް "ފެބިއުލަސް ލައިވްސް" ގެ ނަމުގައި ޕްރޮމޯޓްކުރަން ނިންމައިފި އެވެ.

އެކަން އޭނާ ހާމަކުރީ މަދޫރަށް އެޑްރެސްކޮށް ލިޔުނު ސިޓީއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށެވެ. އޭގައި ކަރަން ބުނީ ސީރީޒްގެ ނަމުގެ މައްސަލާގައި މަދޫރް ހިތްހަމަނުޖެހުން ފާޅުކޮށްފައިވާތީ މާފަށް އެދޭ ކަމަށާއި މިހާރު ސީރީޒް ޕްރޮމޯޓްކުރާނީ "ފެބިއުލަސް ލައިވްސް" ގެ ނަމުގައި ކަމަށެވެ. ކަރަން ބުނި ގޮތުގައި އޭނާގެ ސީރީޒަށް "ދަ ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ކިޔަން ނިންމި މައިގަނޑު ސަބަބަކީ ހަގީގީ ބައެއްގެ ވާހަކަ ކިޔައިދޭ ރިއަލިޓީ އަށް ބިނާކޮށް ގެނެސްދޭ އެއްޗަކަށްވުމުން ނަން މައްސަލައަކަށް ނުވެދާނެ ކަމަށް ބަލައިފަ އެވެ.

ނަމަވެސް "ބޮލީވުޑް ވައިވްސް" އޭގައި ހިމެނޭތީ މަދޫރް ހިތްހަމަނުޖެހިފައިވާތީ އެކަމާ މާފަށް އެދި އެ ސީރީޒްގެ ކުރިއަށް ހުރި ބައިތައް ވެސް ގެނެސްދޭނީ "ފެބިއުލަސް ލައިވްސް" ގެ ނަމުގައި ކަމަށް ބުންޏެވެ.

"ފެޝަން" އާއި "ޗާންދުނީ ބާ" އަދި "ޕޭޖް 3" ފަދަ ފިލްމުތައް ގެނެސްދިން މަދޫރް ކަރަންގެ ސީރީޒްގެ ނަމާ ދޭތެރޭ ހިތްހަމަނުޖެހުނީ "ބޮލީވުޑް ވައިވްސް" ގެ ނަމުގައި ފިލްމު ހަދަން މަސައްކަތް ކުރަމުން ދަނިކޮށް ނަން ބޭނުންކުރުމުންނެވެ. އޭނާ ބުނީ އެ ނަން ކަރަން އާއި އޭނާގެ ޓީމުން ބޭނުންކުރީ ނަން ހޯދަން އެދުމުން އެކަމާ އިއުތިޒާރުކޮށްފައި ވަނިކޮށް ކަމަށެވެ. އެހެންވެ ނަން ބަދަލުކޮށްދޭން އެދިފައިވެ އެވެ.

ކަރަން މާފަށް އެދި ސީރީޒް "ފެބިއުލަސް ލައިވްސް" ގެ ނަމުގައި ޕްރޮމޯޓްކުރަން ނިންމުމުން މަދޫރް އާންމުކުރި ބަޔާނެއްގައި ބުނީ މާފު ގަބޫލުކޮށްފިން ކަމަށެވެ. އަދި ކަރަންގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތަށް ފިލްމު އިންޑަސްޓްރީގެ މީހުންނަކީ ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެވޭ ބަޔަކަށް ވާނީ އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކޮށްގެން އުސޫލުތަކާއި ހަމަތަކުގެ މަތިން މަސައްކަތްކޮށްގެން ކަމަށް ބުނެފައިވެ އެވެ.

މަދޫރްގެ ބަޔާނުގައި އޭނާ ކުރިން ކަރަން އަށް އެދިގެން ފިލްމެއްގެ ނަން ވެސް ދިން ކަމަށް ބުނެފައިވެ އެވެ. އެގޮތުން 2013 ގައި "ގުޓްކާ" އެ ނަން ކަރަންގެ ދަރުމާ އަށް ދީފައިވާނެ ކަމަށް ބުންޏެވެ.

ކަރަން ވެސް މީގެ ކުރިން އޭނާ ރަޖިސްޓްރީކުރި ނަންތަކެއް އެހެން މީހުންނަށް ދީފައިވެ އެވެ. އެގޮތުން ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް 2018 ގައި ދިން "ޝިއްދަތު" އަކީ ކަރަން ރަޖިސްޓްރީކޮށްފައި އޮތް ނަމެކެވެ.

ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންސްގެ ޑިޖިޓަލް ގޮފި ދަރުމެޓިކް އެންޓަޓައިންމަންޓނުން ހެދި "ފެބިއުލަސް ލައިވްސް" އަކީ ބޮލީވުޑް އެކްޓަރުންތަކެއްގެ އަނބިންގެ ވާހަކަ ގެނެސްދޭ އެއްޗެކެވެ.

މީގެ ފުރަތަމަ ސީޒަނުގައި ހިމެނެނީ އަނިލް ކަޕޫރްގެ ކޮއްކޮ ސަންޖޭ ކަޕޫރްގެ އަންހެނުން މަހީޕް ކަޕޫރާއި ސަލްމާން ޚާންގެ ކޮއްކޮ ސޮހައިލް ޚާންގެ އަންހެނުން ސީމާ ޚާނާއި ޗަންކީ ޕާންޑޭގެ އަންހެނުން އަދި ވިދަމުން އަންނަ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ މަންމަ ބާވްނާ ޕާންޑޭގެ އިތުރުން އަދި އެކްޓަރު ސަމީރު ސޯނީގެ އަންހެނުން ކުރީގެ ބަތަލާ ނީލަމް ކޮތާރީ އެވެ.